ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގައި އިނދަޖައްސާލާފައިވާ މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖެހުމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރުސަތު ދިނުމަށް މަސްވެރި އިހަވަންދޫ ޖަމިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ އެމްޑީޕީން އިންދިރާސްކޮށް އިނދަޖައްސާފައިވާ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށް ޑރ. މުއިއްޒުގެ "ދިވެހީންގެރާއްޖެ" ކެނޑިޑޭޓުންނަށް ފުރުސަތުދޭނެ ޖެހޭ ކަމަށެވެ.
މަސްވެރި އިހަވަންދޫ ޖަމިއްޔާއަކީ، މަސްވެރިކަން ކުރިއަރުވައި މަސްވެރިންގެ އަޑުއިއްވުމަށް، އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އެންމެ ބޮޑަށް އިހުމާލުވެފައިވާ ސަރަހައްދަކީ ބޮޑުތިލަދުން މައްޗެވެ. އެ ސަރަހައްދުގައި މަސްވެރިކަމުގެ އުޅަނދުތައް ކުރިއަރައިދިޔަ ނަމަވެސް މިއަދުވެސް އައިސްލިބޭނެ ފަހިގޮތެއްނެތެވެ. ބާނާ މަސްކޮޅު ކިރޭނޭގޮތެއް ނެތުމާއި، ދާއިމީ ގޮތެއްގައި މަސްކިރާ ބޯޓުގަނޑެއްގެ މިންވަރު ވެސް އެ ސަރަހައްދުގައި ބޭއްވުނު ސަރުކާރެއް ނެތެވެ.
ބޮޑުތިލަދުންމަތީގެ މަސްވެރިކަން ދަށަށްދާންފެށި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބާނާ މަސްކޮޅު ކިރޭނެގޮތެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު އާމްދަނީއެއް ނުލިބުމުގެ ސަބަބުން ޒުވާނުން އެ މަސައްކަތާއި ދުރުވުން ހިމެނެއެވެ.