މަސްވެރިކަމާއި ގުޅޭ

ދިވެހިންނާއި ކަނޑުމަސް: ތިން އަވިން މަސްހިކޭނެ

މަސްކައްކާ ނިމުމުން، ހުރިހާ މަހެއްގެ ހަންނަގައި ވަރަށް ރީތިކޮށް މަސްތައް ސާފުކުރެއެވެ. މަސްތައް ސާފުކުރާއިރު ހުންނާނީ ހުރިހާ މަހެއްގެ ގަނޑުތައް ވަކިކޮށްފައެވެ. ވަރަށް ފަލަމަސްނަމަ ކައްކަނީވެސް މަހުގެ ހަތަރު ގަނޑު ވަކިކޮއްގެނެވެ. އެހެންނޫނީ ކައްކަނީ ކިބައަށް ބަހައްޓައިގެންނެވެ. މަސްކިބަތައް ވަކިކޮށް ގަނޑުމަހަށް ހެދުމަށްފަހު ރަނގަޅައް ދިލަޖައްސައި ހިއްކަނީއެވެ. ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަށް މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރެވެ. އިރުވައި މޫސުމުގެ ދުވަސްވަރުގައި އޮންނަނީ 9 ނަކަތެވެ. އެއީ މުލަހަޅަ، ފުރަހަޅަ، އުތުރުހަޅަ، ހުވަން، ދިނަށަ، ހިޔަވިހާ، ފުރަބަދުރުވަ، ފަސްބަދުރުވަ، ރޭވާ އެވެ. މުލަހަޅަ ފެށެނީ 10 ޑިސެމްބަރ ގައެވެ.

ރޭވަ ނިމެނީ 7 އޭޕްރީލްގައެވެ. މިދުވަސްވަރަކީ ވިއްސާރަކުރުން ދުރު އަވިބާރު ހޫނުގަދަ ދުވަސްތަކެވެ. އެހެންކަމުން މިދުވަސްވަރު މަސްހިއްކަން ފަށައެވެ. މުސްކުޅި ބަހުން ދަންނަވާނަމަ ދެންނެވޭނީ ”ތިން އަވިން މަސްހިކޭނެ" ކަމަށެވެ. މާނައަކީ އެދުވަސްވަރުގެ ގަދައަވީގައި ތިންދުވަހު އަވީލުމުން މަސް ހުންނަނީ ނުބައިނުވާ ވަރަށް ހިކިފައެވެ. އިރުވައިގެ މެދުތެރެ ކަމަށްބަލަނީ ހުވަން، ދިނަށައިގައެވެ.

މަސްހިއްކަން މަސްއަވީލާނެ ހުސްތަން އޭރު ރަށްރަށުގެ ބިމުގައި (ހުސްކޮށް) އޮވެއެވެ. އެގޮތަށް އޮންނަ ހުސްބިންތަކުގައި މަސްއަވީލަނީ ބިންމަތީގައި ބިތުފަންގި، ނުވަތަ ސަޓާ ފަދަ އެއްޗެއް ފަތުރާފައިއޭގެމަތީގައެވެ. މަސްއަވީލަނީ ކޮންމެ ގަނޑެއް ބާއްވަމުން އަތުރަމުންނެވެ. އެއްގަނޑު މަށްޗަށް އަނެއް ގަނޑު ނާރާ ގޮތަށެވެ. ދެގަނޑު ދޭތެރޭ މާދުރު ހުސްތަންވެސް ނޯންނަވަރަށެވެ.

މަސް އަވީލުމަށްފަހު ކުރަނޖެހޭ އެންމެ ބުރަ އެއްމަސައްކަތަކީ މަސްތައް ކާޅުގެ އުދަގުލަން ސަލާމަތް ކިުރުމެވެ. އަވީލާފައިހުންނަ މަސްތަކުގެ ވަށައިގެން ރޯނު ދަމައި ރޯނުގައި ފަންވަތް އަޅުވައެވެ. މޫނުބަލާ ލޯގަނޑު ކަހަލަ ދަޅައަޅާ އެއްޗެތިވެސް އެލުވައެވެ. ބޭނުމަކީ ކާޅު ބިރުގެންނެވުމެވެ. ބައެއްފަހަރަށް ދަނޑިން ގިއުގަނޑެއް ހަދައި އޭގައި ރޯނު ދަމައި ރޯނުގައި ފަންވަތް އެލުވައި މި ގިއުގަނޑުގެ އެއްކޮޅު (ދަނޑިއެއް ބިމަށް ޖަހައި) ދަނޑީގައި ހަރުކޮށް އަނެއް ކޮޅުގައި މީހަކު ހިފަ ހައްޓައިގެން އަބަދުއިނދެގެންވެސް މަސް ކާޅު ފަހައެވެ. މިހެން ހަދަނީ މަސްކާޅުފަހާ މީ ހިޔަލުގައި އިނދެގެން އެރޯނު ގަނޑަށް ދަމާލަމުން ފަންވަތް އައްސާފައި ހުރި ގިއުގަނޑު ހަރަކާތް ކުރަންފެށުމުން ކާޅު ދުރަށްދާތީއެވެ. މިގިއުގަނޑު ދަމާފައި އޮންނަނީ އެލުވާފައިހުންނަ ފަންވަތްތައް ކިރިޔާ މަސްތަކުގައި ނުޖެހޭވަރު މަތީގައެވެ.

ދެކުނުގެ ތިން އަތޮޅުގައި ދެފަހަރަށް މަސްކައްކަނީ ފައްލަވަ ހަދައި ފައްލަވައަށް މަސް އަޅައި އޭގެ ތެރެއަށް ވެލިއަޅައިގެން ހިކިމަސްގިނަދުވަހު ނުބައިނުވެ ބެހެއްޓޭނެ ގޮތް ހަދައެވެ. އަދި ބިމުގައި ވަޅުކޮނެ ބިމުގައި ފަންޖަހާ އެވަޅައް މަސްއަޅާ ވެލި އަޅައި ގެންވެސް ނުބައިނުވާ ގޮތަށް ގިނަދުވަހު މަސް ބަހައްޓައެވެ. މިގޮތަށް ހަދާފައިހުންނަ ހުވަދޫ މަހަކީ ވަރަށް މީރު މަހެކެވެ. މިމަސް ބާޒާރަށް ގަންނަނީވެސް މެދުރާއްޖެތެރޭ މަހައްވުރެ ބޮޑު އަގުގައެވެ. ސަރުކާރުން މަހުގެ އަގު ހައްދަވާއިރުވެސް ހުވަދޫ މަހުގެ ( ހުވަދު އަތޮޅު ފޯއްމުލަކާ، އައްޑޫ އަތޮޅު) އަގު ހަމަޖައްސަވާފައި އޮންނަލެއް ބޮޑެވެ.

ދެކުނުގެ ތިންއަތޮޅުގެ މީހުން މިގޮތަށް މަސްތައްޔާރުކޮށް ގިނަދުވަހު ބެހެއްޓޭނެ ގޮތެއް ހެދުން އޮންނަނީ މަޖުބޫވެފައެވެ. އެއީ އެދުވަސްވަރު ދަތުރު ފަތުރު ކުރުން ދަތިކަމުން މާލެއަށް މަސްގަނެވޭލެއް ލަސްވާތީއެވެ. ދެކުނުގެ މީހުން އެދުވަސްވަރު މާލެ ދަތުރު ކުރަނީ ބޮޑެތި އޮޑިފަހަރުގައެވެ. މިއީ ހަތަރިޔާ (ހަތަރެސްކަންރިޔާ) ނަގާ އޮޑިފަހަރެވެ. މިއޮޑިފަހަރު ގައި ދަތުރު ކުރެވޭނީ ފަހިވައިލިބިގެންނެވެ. އަނބުރާ ހޭރިޔާކޮއްގެން ދަތުރު ކުރުމަކީ މާފަސޭހަކަމެއް ނޫނެވެ. ވީމާ އައްޑޫ ކަނޑު، ހުވަދޫ ކަނޑުފަދަ ކަނޑުތައް ހުރަސްކޮށް  މާލެއާދެވެނީ ކޮންމެ އަހަރެއްގެވެސް ވައި ފަހި މޫސުމުގައެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މާލެއަށް މަސްގެންނަނީ ހިއްކައިގެން ގޯންޏަށް އަޅައި ތުންފަހައިގެންނެވެ. މިއިން ކޮންމެ ގޯންޏަކީ މަސްބަސްތާއެކެވެ. ބަސްތާ އެއްގައި ހަންދަރެއް ހުންނަ ފަހަރާ ނުހުންނަ ފަހަރުދެއެވެ. ހަނދަރަކީ 112 ރާތާއެވެ.

ރާއްޖެތެރޭން ގެންނަމަސް މާލޭގެ މަސްގަންނަ ފަރާތްތަކުން ގަތުމަށްފަހު ފައްލަވަކޮށް އަލުން ގޯންޏަށް އަޅައި ބަންދުކޮއްގެން، ރާއްޖޭން ބޭރަށް ފޮނުވަނީ އެވެ. ދިވެހި ރާއްޖޭގެ ހިކި ކަނޑުމަސް ވިއްކާ މާރކެޓަކީ އޭރު ކޮޅުބު (މިހާރު ސްރީލަންކާ) ގެ މާރކެޓަށެވެ. ދިވެހިންގެ މައިގަނޑު އިގްތިޞާދު ބިނާވެފައި އޭރުއޮތީ ކަނޑުމަހުގެ މައްޗަށެވެ.

-އުތީމު އާދަމްބެ-
އަސްދަނޑި މަސްވެރިންގެ ނޫސް
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!