މަސްވެރިކަމާއި ގުޅޭ

ދިރޭކުދިމަހުގެ މަސްވެރިކަމަށް ނަޒަރެއް

ދިރޭކުދިމަހުގެ މަސްވެރިކަން ފެށިގެން އައިގޮތާއި މަސްވެރިކަމަށް އައިސްފައިވާ ކުރިއެރުން ދިވެހިރާއްޖޭގައިކުރާ ދިރޭކުދިމަހުގެ މަސްވެރިކަން ފެށިގެން އައިސްފައިވަނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް ބަލައިލާއިރު މި ބާވަތުގެ މަސްވެރިކަން ހިއްސާކުރާ މިންވަރު ނިސްބަތުން ވަރަށް ކުޑައެވެ. މިގޮތުން، ދިރޭކުދިމަސް ހިއްސާކުރަނީ 2010 އިން ފެށިގެން 2019 އާ ހަމައަށް އެކްސްޕޯޓުކުރެވުނު މަހުން ދިވެހިރާއްޖެއަށް ލިބުނު އާމްދަނީގެ އެންމެ %0.39 އެވެ. އެހެންނަމަވެސް، ދިރޭކުދިމަސް އެކްސްޕޯޓުކުރުމުގައި މަހުގެ އަސްލު އަގަށްވުރެ ދަށްކޮށް ރިޕޯޓުކުރާތީ މިއީ، މި މަސްވެރިކަމުން އިޤުތިޞާދަށް ލިބޭ ޙަޤީޤީ މަންފާ ނޫން ކަން ފާހަގަކުރަންޖެހެއެވެ. ދިރޭކުދިމަހުގެ މަސްވެރިކަން ދިގުމުއްދަތަށް ދެމެހެއްޓުމަށްޓަކައި މި މަސްވެރިކަން ފެށުނީއްސުރެ މިއަދާ ހަމައަށް ތަފާތު ދިރާސާތައް ކޮށްފައިވެއެވެ.

މިގޮތުން، 1997 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަރުތަކުގެ ދިރުންތަކަށް އަމާޒުކޮށްގެން ކުރެވޭ ތަފާތު އެކި މަސްވެރިކަމާބެހޭ ދިރާސާއެއް ކޮށް، ރިވިއު ކަރުދާހެއް ތައްޔާރުކޮށްފައިވެއެވެ. މި ކަރުދާހުގައި ދިރޭކުދިމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ކުރެވޭ އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭ މަސްވެރިކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ. އެ ކަރުދާސް ލިޔެވުނު ދުވަސްވަރުން ފެށިގެން މިއަދާހަމައަށް އައިއިރު ދިރޭކުދިމަހުގެ މަސްވެރިކަން ހަލުއިކަމާ އެކު ފުޅާވެ، މަސް ބޭރުކުރެވޭ މިންވަރުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މަސްވެރިކަން ކުރާގޮތް

ވައިފުޅި އަޅައިގެން ފީނައިގެން (ސްކޫބާ ޑައިވިންގ) އަދި، ވައިފުޅިއާ ނުލައި ފީނައިގެން (ސްކިން ޑައިވިންގ) ވެސް ދިރޭކުދިމަހުގެ މަސްވެރިކަންކުރެއެވެ. އާންމުގޮތެއްގައި ހާމައަށް ހުންނަ ތަންތާނގައި އުޅޭ ބާވަތްތައް ހިފުމަށް މި މަސްވެރިކަމުގައި ބޭނުންކުރަނީ އަތުން ހިފައިގެން ގެންގުޅޭ ކުދި އަދި ބޮޑެތި "ސްކޫޕް ނެޓް“ އެވެ. މިގޮތުން ބޭނުންކުރާ ސްކޫޕް ނެޓްގެ އަދަދާއި ކުޑަބޮޑުމިން ބިނާވަނީ މަހުގެ ބާވަތާއި މަސް އައިނުގެ ކުޑަބޮޑުމިނަށެވެ. ގާގަލާއި، ހޮރުހޮރަށް ވަދެ ފިލައި ތިބޭ ބާވަތްތަކުގެ ދިރޭކުދިމަހުގެ ބާވަތްތައް ހިފުމަށް ބޭނުންކުރާ އުކުޅުތަކަކީ ކޮބައިކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް މީގެކުރީގައި މިފަދަ މަސް ހިފުމަށް މޮކްސީ-ނެޓް (ދައު) ބޭނުންކުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ބާވަތުގެ ދައު ބޭނުންކުރުން 1997 ވަނަ އަހަރު ވަނީ މަނާކުރެވިފައެވެ.

މަސް ހިފުމަށްފަހު ފެނުން މައްޗަށް އަރުވަނީ މަސްވެރިން ގެންގުޅޭ ޕްލާސްޓިކް ކޮތަޅުތަކެއްގައެވެ. އަދި ދޯންޏަށް އެރުވުމަށްފަހު ފުން ހިސާބުތަކުން ހިފާ މަހުން ވައިބޭރުކޮށް، ވައިއުފެދުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ދިއުން ހުއްޓުވުމަށްޓަކައި (ހައިޕޮޑަރމިކް ނީޑްލް) ބޭނުންކުރެއެވެ. އަދި މަސް ދަތުރު ނިންމައި، ހޯލްޑިންގ ފެސިލިޓީތަކަށް ދެވެންދެން ކޮންޓެއިނަރުތަކުގައި މަސް ގެންގުޅެއެވެ. މި މަސްވެރިކަމަކީ، ބާޒާރުގައި އެބާވަތްތަކަށް އޮތް ޑިމާންޑަށް ބަލައި، އެކަމަށް ރިޢާޔަތްކޮށްގެން ކުރެވޭ މަސްވެރިކަމަކަށްވާތީ އެދުވަހެއްގައި މަސްހިފުމަށް ދާ ތަންތަނާއި ސަރަޙައްދުތައް ބިނާވެފައި އޮންނަނީ ބޭރުގެ މަސްގަންނަ ފަރާތުން ލިބޭ އޯޑަރުތަކަށެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!