ފީމިޔަރު ނުވަތަ ފީބޯމިޔަރަކީ އަތޮޅުން ބޭރު މާކަނޑުތަކުގައިއުޅޭ މިޔަރެކެވެ.
މިއީ ބޮޑު މިޔަރެކެވެ. ވަރަށް މަދުމަދުން މެނުވީ މިބާވަތުގެ މިޔަރު އަތޮޅުތެރޭގެ ތިލަ ކަނޑުތަކަކު ނޫޅެއެވެ. މިއީ ވަރަށް ބަރުހެލި މިޔަރެކެވެ. އައްޓަމަހާއި، ކަފިހިމަހާއި، އަދި ބައެއްފަހަރު ފިޔަލަވެސް މިބާވަތުގެ މިޔަރާއި ގައިގޯޅިވެގެން އެކުގައި ދަތުރުކޮށް ހަދައެވެ. މިބާވަތުގެ މިޔަރު ވިހާފަހަރަކު ގާތްގަޑަކަށް 1 އާއި 15 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހާކަމަށްވެއެވެ. ފީމިޔަރުގެ ޢާއްމު ކާނާއަކީ މަހެވެ. ޚާއްސަގޮތެއްގައި ކަނޑުމަހުގެ ބާވަތްތަކާއި ހަނދީގެ ބާވަތްތަކެވެ. އަދި މީގެ އިތުރަށް ކަކުނިފާޑުގެ ސޫތްޕާއި ވެލާ ކަހަނބުވެސް ކާކަމަށްވެއެވެ. މިއީ ކަނޑުމަހުގެ މަސްވެރިން ބާނާ މަހަށް ހަމަލާދީ ހަދާ ނުރައްކާތެރި، އެއާމެދު ސަމާލުވާންޖެހޭފަދަ މިޔަރެކެވެ.
ފީމިޔަރުގެ ބޯކޮޅު އާދައިގެ ވަރަކަށް ވަށްވާނެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހަ އެހެން އުރަހަތަކާއި ޚިލާފަށް ބޮޑުވެފައި ކޮޅަށް ވަށްކޮށް ހުރެއެވެ. ކަންފަތްވެސް ހުންނަނީ ދިގުކޮށް ކޮޅަށް ވަށްކޮށެވެ. މިބާވަތުގެ މިޔަރު 3.9 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. ފީމިޔަރުގެ މަތީބައިގެ ކުލައަކީ ގަދައަޅި ނުވަތަ މުށި ނޫކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދުކުލައެވެ. "މީމިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހައާއި، ކަންފަތާއި، ނިގޫފަތުގެ ތިރީބައިގައި ހުދުލަފެއް ހުރެއެވެ. ބަނޑުދަށްފަރާތުގެ އުރަހައިގެ ދަށްފަރާތުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ.
އިނގިރޭސި ނަން: Oceanic whitetip shark