މަސްވެރިކަމާއި ގުޅޭ

އިހީގެ މަސްވެރިކަމާއި ވިޔަފާރި

އާންމުގޮތެއްގައި އިހި ހިފައި އުޅެނީ ހުއިފިލަނޑާ މަސްވެރިކަމުގައި ނުކުމެ އުޅޭއިރުއެވެ.

ހުއިފިލަނޑާއެކޭ އެއްފަދައިން އިއްސަކީ  ވެސް ފީނައިގެން، ނުވަތަ ތިލަ ތަންތަނުގައި ހިނގާލާފައި ގޮސް އަތުން ނަގާ ބާވަތެކެވެ. މިގޮތަށް އިހި ނެގުމުގައި ގިނައިން ހަރަކާތްތެރިވަނީ ރޭގަނޑު ގަޑީގައި ބައްތި ދިއްލައިގެންނެވެ. ދިވެހިރާއްޖޭގައި އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އިހީގެ މަސްވެރިކަން ކުރެވޭ މިންވަރު އެހައި ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 1970ގެ އަހަރުތަކުގެ ތެރޭގައި ޤާއިމުކުރެވުނު އިހީގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން އިހީގެ މަސްވެރިކަމުގެ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވެއެވެ.

މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ނަގާ އިހީގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި ފަރާތަކަށް އެންގުމުން އޭނާ ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީގައި އޭރު ހުންނަ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނަށް ހުށަހަޅަނީއެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ނަގާ އިހީގެ ޖުމުލަ އަދަދު މި ރިޕޯޓުތަކުން ފުރިހަމައަށް ރަމްޒުކޮށްނުދޭކަން ފާހަގަކުރެވެއެވެ. މި ރިޕޯޓުތަކުގެ އަލީގައި އިހި ނަގައިފައިވާ ކަމަށް ރަށްރަށުން ރިޕޯޓުކޮށްފައިވާ މިންވަރު ޗާޓު 1 އިން ދައްކައިދީފައި އެވަނީއެވެ.

2010 ވަނަ އަހަރު މަސްވެރިކަމުގެ ލޮގްފޮތް ތަޢާރުފުކުރެވުމާ ގުޅިގެން، ރަށު އޮފީސްތައް މެދުވެރިކޮށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން އައި މަޢުލޫމާތުތައް މަދުވަމުންގޮސް ރަސްމީކޮށް ހުއްޓިފައިވަނީ ގާތްގަނޑަކަށް 2017 ވަނަ އަހަރާ  ހިސާބުގައެވެ. މި ލޮގްފޮތްތައް ފަރުމާކޮށްފައިވަނީ، މައިގަނޑުގޮތެއްގައި ކަނޑުމަހާއި، ފަރުމަސް އަދި ފާނައިގެ މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުމުގެ މައްޗަށެވެ. އެހެންކަމުން، އިހި ފަދަ މައިކަށި ނުހުންނަ ބާވަތްތަކުގެ މަޢުލޫމާތު މަސްވެރިކަމުގެ ލޮގްފޮތުން ރިކޯޑުކުރެވިފައެއް ނުވެއެވެ.

އިހީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަދަދަށް ބަލާއިރު، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު މިނިސްޓްރީގެ ފަރާތުން ކުރި ސާވޭތަކުން ދައްކާ ގޮތުގައި، އިހީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 1100 އެއްހައި މަސްވެރިންނާއި 200 އެއްހައި އުޅަނދު ހަރަކާތްތެރިވެއެވެ.

ވިޔަފާރީގެ ގޮތުގައި ކުރެވޭ އިހީގެ މަސްވެރިކަމުގެ މައިގަނޑު މާކެޓަކީ، ރިސޯޓުތަކާއި ގެސްޓުހައުސް ތަކެވެ. ދެން ހުރި މުހިންމު މާކެޓުތަކުގެ ތެރޭގައި ރެސްޓޯރަންޓްތަކާއި އެހެނިހެން ލޯކަލް މާރުކޭޓުތައް ހިމެނެއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!