މަސްވެރިކަމާއި ގުޅޭ

ކަނޑިމިޔަރު

ކަނޑިމިޔަރަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ ބިޔަ މިޔަރެކެވެ.

މިބާވަތުގެ މިޔަރު ދިވެހިން މަދުމަދުން ބާނާއުޅެއެވެ. ރާއްޖޭގައި ކުރާ ލޭނު މަސްވެރިކަމުގައި އަތޮޅުން ބޭރުގެ ސަރަޙައްދުތަކުން މިބާވަތުގެ މިޔަރު ބޭނިފައިހުރެއެވެ. މިއީ ކަނޑުގައި ވަރަށް ބާރަށް ދަތުރުކުރާ ވަރުގަދަ މިޔަރެކެވެ. މިބާވަތުގެ މިޔަރު އޭގެ ދިގު ނިގުލުގެ އެހީގައި (އައިން ހަދައިގެން އުޅޭ، ކުދިމަސް ލެވުމަށްފަހު ޖަހާބަލިކޮށްލައިގެން ކައިއުޅޭކަމަށްވެއެވެ. ލޭނު މަސްވެރިކަމުގައި މިބާވަތުގެ މިޔަރުގެ ނިގޫ ބުޅީގައި އެޅިގެން ބައެއް ފަހަރަށް ބޭނިފައި ހުރުމުން މިކަން އިތުރަށް ޔަޤީންކޮށްދެއެވެ. މިމިޔަރު އުޅޭކަމަށްވަނީ 336 މީޓަރަށްވުރެ ތިލައިގައެވެ.

ކަނޑިމިޔަރުގެ ނިގޫފަތުގެ މަތީބައި ކަނޑިއެއްހެން ދިގުކޮށްހުރެއެވެ. މި "ކަނޑީ" ގެ ދިގުމިން މުޅިމިޔަރުގެ ދިގުމިންވަރުވެއެވެ. ކަނޑިމިޔަރުގެ ލޯ އާދައިގެވަރަކަށް ބޮޑުވާނެއެވެ. މިޔަރުގެ ބުރަކަށިމަތީ ފުރަތަމަ އުރަހަ ދެވަނަ އުރަހައަށްވުރެ މާބޮޑުތަން ބޮޑުވާނެއެވެ. ކަނޑިމިޔަރު ގާތްގަޑަކަށް 5.5 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 2 އާއި 4 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ. ކަނޑިމިޔަރަކީ ޢާއްމުކޮށް އަތޮޅުން ބޭރުގައި އުޅޭ ބާވަތެއްކަމުގައިވިއަސް ޅަކަނޑިމިޔަރު އަތޮޅުތަކުގެ ކައިރީގައި އުޅޭކަން ފާހަގަކުރެވެއެވެ.

އިނގިރޭސި ނަން: Thresher shark
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!