މަސްވެރިކަމާއި ގުޅޭ

ހިތިބޯ

މިއީ ރާއްޖޭގެ ތިލަ ފަޅުތަކުގައި ބޮޑެތި އައިން ހަދައިގެން އުޅޭ މަހެކެވެ.

މިބާވަތުގެ މަސް ޢާއްމުކޮށް ގުންބަޅަ އަދި ތާވަޅައާއި ކުދި މުށިމަހާއެކުގައި އައިން ހަދައިގެން އުޅެއެވެ. މިއީ ދޮށީގެ މަސްވެރިން އެން ތަދު ދުވަސްވަރު އެމުގެ ގޮތުގައި ދާޖަހައިގެން ހިފާއުޅޭ މަހެކެވެ. މިބާވަތުގެ މަސް ޢާއްމުކޮށް ކައިއުޅެނީ ރޭގަޑުއެވެ. މަހުގެ ކާނާއަކީ ކުދި ކަކުނިފާޑުގެ ސޫތްޕާއި އޮޔާދާ އެހެންދިރޭތަކެތީގެ ބިހާއި ކުދިމަހެވެ. މިމަސް އެންމެ ބޮޑުވަނީ 15 ސެންޓިމީޓަރަށެވެ.

މިއީ ލޯބޮޑު މަހެކެވެ. މަހުގެ ބުރަކަށިމަތީގައި ހުންނަނީ ފެހިއަޅިކުލައެކެވެ. ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ކަޅުވެފައެވެ. މަހުގެ ދެއަރިމަތީގައި ރިހިކުލައިގެ ފުޅާ ރޮނގެއްހުރެއެވެ. މިއީ މަސް އައިނަށް އަރާ އުކުމުން ވަރަށް ދަހިކޮށް ކުރީކޮޅު މަސްބޭނޭ އެމެކެވެ. ނަމަވެސް މަހުގެ ހުޅުނބުތަކުގެ ވަރުގަދަކަމުންނާއި ކަށިގިނަކަމުން މިބާވަތުގެ އެން ކެއުން މަސް އަވަހަށް ހުއްޓާލައެވެ. ވުމާއެކު މިއީ ދިވެހި މަސްވެރިން ޢާއްމުކޮށް ބޭނުންކުރާ އެމެއްނޫނެވެ.

އިނގިރޭސި ނަން: Hardyhead silverside

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!