މަސްވެރިކަމާއި ގުޅޭ

6172DFB4-A2B5-45EC-852C-69582C6B363F

ފަރުމަސްވެރިކަން މަރކެޓުކުރަންޖެހޭ، މިއީ ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އަންނަ މަސައްކަތެއް: ސައުދު

ހއ. އުތީމަށް އުފަން ސައުދު މުޙައްމަދު، (47އ) ލ. މާމެންދޫގައި ދިރިއުޅޭތާ މިހާރު 8 އަހަރުވެދާނެއެވެ. މި ފާއިތުވީ 8 އަހަރުދުވަހުގެ އާމްދަނީ ހޯދުމަށް އޭނާ ކުރާ މަސައްކަތަކީ ފަރުމަސްވެރިކެމެވެ.

ފަރުމަސްވެރިކަން ކުރުމުގައި ސައުދުގެ ތަޖުރިބާ ގިނައެވެ. އެހެން ނަމަވެސް އޭނާ ސިފަކުރާގޮތުގައި ފަރުމަސްވެރިކަމަކީ އެއްވެސް ކުރިމަގެއް އޮތް ދާއިރާއެއް ނޫނެވެ.

ސަބަބަކީ މަސް ބޭނި ކަމުގައިވިޔަސް، މަސް ވިއްކުމުގައި ގިނަ ދަތިތަކެއް ހުރުމެވެ. މަސް ގަންނާނެ ބަޔަކު ނެތުމުން ލިބޭ އާމްދަނީވެސް ކުޑަކަން ސައުދު ފާހަގަކުރެއެވެ. ސައުދު ބުނީ މަސް ވިއްކުމުގައި ބަރޯސާވާން ޖެހެނީ އެ އަތޮޅުގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް ކަމަށެވެ.

" ބަރޯސާވާން މިޖެހެނީ މި ރިސޯޓަށް، އެއީ ގާތްގަނޑަކަށް ބުނަންޏާ ޑިންގީއެއްގެ މައްޗަށް 20 ކިލޯ 15 ކިލޯވަރު ނަގާނީ، ދެން ތިން ދުވަސް 4 ދުވަސްވަންދެން މަސް އެއްވެސް ގޮތަކަށް ނުނަގާނެ، ދެން މަސްވެރިން ތިބެން ޖެހެނީ މަސް ވިއްކާނެ ގޮތެއް ނެތިފައި، " ސައުދު ބުންޏެވެ.

ސައުދު ބުނީ ފަރުމަސްވެރިކަމުގެ މަރކެޓެއް ނެތުމުން، އެރަށުގައި އެ މަސްވެރިކަން ކުރާ ފަރާތްތަށްވެސް ދަށްވަމުންދާ ކަމަށެވެ.

ސައުދު ބުނާ ގޮތުން ފަރުމަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސް ނަގައިގެން ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހޮރައިޒަންއިން މަސްވެރިންނަށް ރަނގަޅު އަގެއްދޭ ގޮތަށް ސަރުކާރުން އެމީހުންނާއި ވާހަކަދައްކައިގެން އެއްބަސްވެވިދާނެ ކަމާއި، އިތުރު އައިސް ޕްލާންޓުތަކެއް ހަދާ، ލ. އަތޮޅުގައި އިތުރު ރިސޯޓުތަށް ތަރައްޤީކުރުމުންވެސް ފަރުމަސްވެރިކަމަށް ކުރިއެރުން ލިބޭނެކަން ސައުދު ފާހަގަކުރިއެވެ.

"20 ރުފިޔާއަށް ކިލޯއެއް އެމީހުން ގަންނަނީ ހުޅުބު ޖަހާ، ގޮހޮރު ނަގާ ހުރިހާ ކަމެއް ކޮށްގެން، އަދި ލ. މާމެންދޫއިން ފުރައިގެން ހޮރައިޒަންއާއި ހަމައަށް ދާން ޕެޓްރޯލަށް އެބަދޭ 140 ލީޓަރު، މިއީ ބޮޑު ޙަރަދެއް،" ސައުދު ބުނިއެވެ.

ސައުދު ބުނީ އެ އަތޮޅުގައި ދެން އޮންނަ ރިސޯޓުން ފަރުމަސް ގަންނަނީ ވަރަށް ދަށް އަގެއްގައި ކަމަށެވެ. އެއަގުގައި މަސް ވިއްކައިގެން މަސްވެރިންނަށް ފައިދާ ނުވާނެކަމަށްވެސް ސައުދު ބުންޏެވެ.

ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާއިރު، ފަރުމަސްވެރިކަމަކީވެސް ގިނަ އަދަދެއްގެ ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. އެހެންނަމަވެސް މި މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މިކަމަށް ރަނގަޅު މާކެޓެއް ނެތުމެވެ. އަދި ސަރުކާރުން ފަރުމަސްވެރިކަން ކުރިއެރުވުމަށް އެދެވޭ މިންވަރަކަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާވެސް ގިނައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ސައުދުބޭގެ ނަންބަރ އަޅުގަނޑަށް ފޮނުވާ ދެއްވާ 9541490

Comments are closed.