މަސްވެރިކަމާއި ގުޅޭ

ފަންހާމަސް

ފަންހާމަހަކީ އެހެނިހެން މަސްތަކާ ވަރަށް ޚިލާފު ސިފައެއްގައި ހުންނަ މަހެއްކަމުން މިމަސް ދެނެގަތުން މާދައްޗެއް ނުވާނެއެވެ.

މިއީ ރާއްޖޭގެ ތިލަފަޅުފަޅުގައްޔާއި ފަރުފަރުގެ މުރަކައާއި ގާތަކުގެ ނިވަލުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭމަހެކެވެ. މިމަސް އުޅުމަށް ޚިޔާރުކުރަނީ އެއްވެސް މީހެއްގެ އުދަގޫ ނުލިބޭ ނިވާ އަދި ހިމޭން ހިސާބުގަޑެވެ. މިމަހަކީ އަޅުގަޑުމެންގެ ގިނަމީހުން ބިރުގަންނަމަހެކެވެ. ސަބަބަކީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކަށިތައް ވަރަށް ތޫނުވެފައި އޭގައި އިންސާނާއަށް ނުރައްކާތެރިވެދާނެ ވިހައެއް އެކުލެވޭކަމެވެ. މިކަށިތަކަކީ މަހުގެ ދިފާޢަށްޓަކައި ބޭނުންކުރާ ކަށިތަކެކެވެ. ވުމާއެކު މިމަސް ހިފާ ގެންގުޅެންޖެހެނީ ވަރަށް ބަލައިގެން މިކަމަށް ފަރުވާތެރިވެގެންނެވެ. މިއީ ޢާއްމުކޮށް ކެއުމަށް ބޭނުންކޮށްއުޅޭ މަހެއް ނޫންކަމުގައިވިއަސް މޫދުބަސް ދިރުވައިގެން ގެންގުޅޭ ފަރާތްތަކުން ޝައުޤުވެރިކަމާއިއެކު ގެންގުޅޭމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ދިގުމިން ނިގޫފަތުގެ ބުޑުދަނަށްވުރެ ދުރަށް ފޯރައެވެ. މަހުގެ ކުލައަކީ މުށިރަތްކުލައެވެ. މަހުގެ ހުރަހަށް ވަރަށް ގިނަ ގަދަމުށިކުލައިގެ ރޮނގުތަކެއް ހުރެއެވެ. މީގެ ކޮންމެ ދެ ރޮނގެއްގެ ދެމެދުގައި ހުންނަނީ ހުދުކުލައެކެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައި އަދި ނިގޫފަތުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ. އަދި ކަންފަތްގަޑުގައި ތަންކޮޅެއް ފަނޑުކޮށް ކަޅު ލައްތަކެއް ހުރެއެވެ.

އިނގިރޭސި ނަން: Indian lionfish, Soldier turkeyfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!