މަސްވެރިކަމާއި ގުޅޭ

Samooh

މޫދު ހިމާޔަތް ކުރުމާއި ޒުވާނުން ހޭލުންތެރި ކުރުމަށް ސަމޫހް ވީ ޑައިވިން އިންސްޓްރަކްޓަރަކަށް

ސެންޓާރާ ރަސްފުށި ރިސޯޓުގެ ޑައިވިން ވޯޓާސްޕޯޓްސް އެންޑް އެކްސްކާޝަންގެ އޮޕަރޭޝަންސް މެނޭޖަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އިސްމާއިލް ސަމޫހުއަށް ޑައިވިންގެ ތެރެއަށް ވަދެވުނީ އޭނާ ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރި އިރުއެވެ. ވޯޓާ ސްޕޯޓްސްގައި އުޅެމުން ދޭތެރެއަކުން ޑައިވް ކުރުމަށް ދިއުމުގެ ތެރޭގައި، އެ ދާއިރާއަށް ހިތް ޖެހި، ޑައިވިންއަށް ބަދަލުވީއެވެ.

ސެންޓާރާ ރަސްފުށި ރިސޯޓުގައި މަސައްކަތް ކުރާތާ ހަ އަހަރު އަދި ސްކޫބާ ޑައިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ފަސް އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ.

ރަށްފުށުގައި އުޅެ ބޮޑުވެފައިވާތީ، އެންމެ ކުޑައިރުން ފެށިގެން ސަމޫހުގެ ހިތުގައި މޫދަށް ހާއްސަ ލޯތްބެއް ވަނީ އުފެދިފައެވެ. އެގޮތުން އެންމެ ކުޑައިރުން ފެށިގެން ސަމޫހުއަކީ މޫދާ ވަރަށް ދޯޅު މީހެކެވެ.

"އެންމެ ފުރަތަމަ ފަން ޑައިވްވެ ގޮތުގައި (ޑައިވް) ކުރަން ފެށީ. ދެން މީސްމީހުންގެ ތެރެއަށް ނުކުމެ އުޅެލީމަ އަސްލު އަހަރެމެން ޔަންގް ޖެނެރޭޝަން އަށް މޫދާ ގުޅޭ އެއްވެސް އެޑިއުކޭޝަން އެއް ލިބިފައި ނުހުންނަކަން އެނގެން ފެށި. މިސާލަކަށް މޫދު ހިމާޔަތް ކުރުމަށް ނޫނީ ކުނިއެޅުމާ. ދެން އެނގޭ މިކަހަކަ އެއްވެސް ކަހަލަ އެޑިއުކޭޝަނެއް ނުހުންނާތީ ކަން އެކުދިންނަށް އެގޮތަށް ކަންތައް ކުރެވެނީ"

ސަމޫހް ދެކޭ ގޮތުގައި، ވިސްނާނުލާ މޫދަށް ފުޅިއެއް އެއްލާލުން ފަދަ ކަމެއް ކުރެވެނީ ހަގީގަތުގައި ޒުވާން ޖީލަށް އެކަމުން ނުކުންނާނެ ނުރަނގަޅު ނަތީޖާ ނުވިސްނޭތީ ކަމަށެވެ. އެހެންކަމުން ޑައިވް އިންސްޓްރަކްޓަރަކަށް ވާން ޝައުގުވެރިވީ، މޫދު ހިމާޔަތް ކުރުމާއި ކުނި އެޅުމުން ނުކުންނާނެ ނުރަނގަޅު އަސަރު ޒުވާނުންނަށް ކިޔައިދީ، މުޖުތަމައު ހޭލުންތެރި ކުރުވުމަށް ކަމަށް ސަމޫހް ބުނެއެވެ.

"މި ކުދިންނަށް، ހާއްސަކޮށް ޔަންގް ޖެނެރޭޝަންއަށް ކިޔައިދިނުމުގެ ގޮތުން، ކުނިއެޅުމާ، އެންވައިރަމެންޓާ، ޑައިވިނާ، މޫދާ ފަރުތަކާ، އެ އެއްޗެއްސަށް އެޑިއުކޭޓް ކޮށްދިނުމުގެ މަގުސަދުގަ ޑައިވިން ކިޔަވައިދޭ ޓީޗަރަކަށް ވުމަށް ޝައުގުވެރިކަން އުފެދުނީ،" ސަމޫހް ކިޔައިދިނެވެ.

އެ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމުން، އެހެން މީހުންގެ ފަރާތު ވަރަށް ބޮޑު ބަދަލެއް ފެންނަ ކަމަށް އޭނާ ބުންޏެވެ.

ސަމޫހު ބުނީ އޭނާގެ އުފަން ރަށް ގއ. ގެމަނަފުށީގައިވެސް، ކުރިން މޫދަށް ކުނިއަޅާ ކުދިން ފެންނަ ކަމަށެވެ. ނަމަވެސް އޭނާ ރަށަށް ގޮސް، ކުދިން ގޮވައިގެން އަތިރިމަތި ސާފުކުރުން ފަދަ ކުދިކުދި ހަރަކާތްތަކުގައި މީހުން ބައިވެރި ކުރުން ފަދަ ކަންކަން ކުރުމުން، ފުދޭވަރަކަށް ބޮޑަށް ކުދިން ހޭލުންތެރިވާ ކަމަށެވެ.

އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެރަށު މީހުން އަމިއްލައަށް އިސްނަގައިގެން ވެސް ސާފު ކުރުމުގެ ހަރަކާތްތައް ބާއްވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެރަށުގެ ޖަމިއްޔާތަކުން އިސްނަގައިގެން ރަށުގެ އެކި ހިސާބު ތަކުގައި ޑަސްބިން ބެހެއްޓުން ފަދަ ކަންކަން ކުރަމުން ދާކަމަށް ސަމޫހު އުފަލާއެކު ފާހަގަ ކުރިއެވެ.

ޑައިވިން ނޫނަސް ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށް ސަމޫހް ދެކެއެވެ. އޭގެ ތެރެއިން، ސްނޯކްލިން ކުރާ ކުދިންނަށް، މޫދު ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުން ނުވަތަ ތިމާވެއްޓާ ގުޅޭ މައުލޫމާތު ދީގެން މީހުން ހޭލުންތެރި ކުރެވޭނެ ކަން އޭނާ ފާހަގަ ކުރިއެވެ.

ޑައިވިން ކޯހެއްގައި ވެސް، ކުނި ނެގުމާއި މޫދުގެ ބައެއް ސަރަހައްދުތައް ސާފުކުރުން ފަދަ ކަންކަން ހިމެނޭތީ، ޑައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ތިމާވެއްޓަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވާކަމަށް ސަމޫހް ބުންޏެވެ.

ސަމޫހު ވިދާޅުވީ، މޫދާ ކަނޑުފަޅުތައް ހިމާޔަތް ކުރުމަށް ޖަމިއްޔާތައް ހަދައިގެން މަސައްކަތް ކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިޔާއަށް ބަލައިލުމުން ވެސް، ކުރިއާ ހިލާފަށް މިހާރު މޫދާއި ފަޅުތައް ހިމާޔަތް ކުރުމަށް މީހުން މަސައްކަތް ކުރާތަން ފެންނަ ކަމަށް ސަމޫހް ބުންޏެވެ.

ކަނޑުފަޅުތައް ހިމާޔަތް ކުރުމަށްޓަކައި ޒުވާނުންނާއި ސްކޫލު ކުދިން އެކަންކަމަށް ހޭލުންތެރި ކުރަން ޖެހޭނެ ކަމަށް ސަމޫހް ދެކެއެވެ.

ސަމޫހުގެ މިހާރުގެ ޓާގެޓަކީ، ޒުވާން ޖީލު މިކަންކަމަށް ތަރުބިއްޔަތު ކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފަޅުތައް މަރުވަނީ ފަޅުހިއްކުމުގެ ސަބަބުން

Comments are closed.