މަސްވެރިކަމާއި ގުޅޭ

news-2340

ކޮމަންޑޫގެ ކަންނެލި ދޯނިތަކުން ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރޭ

ށ. ކޮމަންޑޫއަކީ މަސްވެރި ރަށެކެވެ. އެރަށުގެ އާބީދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާނު ވިދާޅުވި ގޮތުގައި ކޮމަންޑޫއަކީ އެ އަތޮޅުގައިވެސް އޮތް އެންމެ މަސްވެރި ރަށެވެ. ކޮމަންޑޫއަށް ނިސްބަތްވާ 16 ކަންނެލި ދޯނި އޮންނަކަން ފާހަގަ ކުރައްވައި ސިނާނު ވިދާޅުވީ، އެއީ ރާއްޖޭގައި އެއް ރަށަކަށް ނިސްބަތްވާ އެންމެ ގިނަ ކަންނެލި ދޯނި އޮންނަ ރަށަށް ވާނެ ކަމަށެވެ. އެ ދޯނިތަކުން މަހަށް ދަނީވެސް އެރަށު މީހުން ކަމަށް ސިނާނު ވިދާޅުވިއެވެ.

"ރާއްޖޭގެ އެއް ރަށަކަށް ބަލާއިރު މިހާގިނަ ބޮޑެތި (ކަންކެލި) ދޯނި އޮތް ރަށެއް ނޯންނާ" ކޮމަންޑޫގެ ކަންނެލި ދޯނިތައް ގިނަކަން ފާހަގަ ކުރައްވަމުން ސިނާނު ވިދާޅުވިއެވެ.

ކަންނެލީގެ މަސްވެރިކަން ދަށްވާ ދުވަސްވަރު ކޮމަންޑޫ މަސްވެރިން ދަނީ ކަޅުބިލަ މަހުގެ މަސްވެރިކަމަށެވެ. ކޮންމެވެސް ވަރަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންވެސް ކޮމަންޑޫގައި އުޅެއެވެ. ނަމަވެސް ދާއިމީ ގޮތެއްގައި އެފަދަ މީހުންވެސް މަސްވެރިކަން ނުކުރާ ކަމަށް ސިނާނު ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ކޮމަންޑޫ މަސްވެރިން ވަނީ ގުޅިގެން މަސައްކަތް ކުރުމަށް 'ކޮމަންޑޫ ކަންނެލި މަސްވެރިން ފެއާ ޓްރޭޑް' ގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައެވެ. މި ނަމުގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެކަމަށް މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމަންޑޫ މަސްވެރިއަކުވަނީ މަސްވެރިން އެމްވީއަށް މައުލޫމާތު ދީފައެވެ. ކަންނެލި މަސްވެރިންގެ 'ފެއަރ ޓްރޭޑް' ހަރަކާތުން ރަށުގެ ލާބައާއި މަންފާއަށް އެކި މަޝްރޫތައް އެރަށުގައި ހިންގައެވެ.

"އެއީ ކަންނެލި ކިރާ ކުންފުންޏަކާ ގުޅިގެން، އެ ކުންފުންޏަށް ކަންނެލި ކިރީމަ އެ ޖަމިއްޔާއަށް ލިބޭނެ ކިލޯއަކަށް ވަކި ވަރަކަށް ރުފިޔާ، ކޮންމެ ދޯންޏަކުންވެސް." 'ފެއަރ ޓްރޭޑް' ހަރަކާތަށް އާމްދަނީ ލިބޭ ގޮތާއި ރަށުގެ އިޖުތިމާއީ ކަންކަމަށް އެ ފައިސާއިން ހަރަދުކުރާ ގޮތް ކިޔައިދެމުން ސިނާނު ފާހަގަ ކުރެއްވިއެވެ.

ކޮމަންޑޫގައި ކުޑަކުދިންގެ ޕާކެއް އަޅަން ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެ ޖަމިއްޔާގެ ފަރާތުން ވަނީ ގެނެސްފައިވެއެވެ. އަދި އައުޓްޑޯ ޖިމެއް އަޅަން ބޭނުންވާ ސާމާނުވެސް ފޯރުކޮށްދީފައި ވާކަމަށް ސިނާނު ފާހަގަ ކުރެއްވިއެވެ. ރަށަށް މަސް ލިބޭ ވަރަކުން، ރަށަށް ބޭނުންވާ ވަރަށް މަސް ކައްކައި، ރިހާކުރު ކެއްކުން ކުރިއަށް ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!