މަސްވެރިކަމާއި ގުޅޭ

ދިރޭ ކުދިމަސް ފަރުތަކުން މަދުވާނަމަ، ފަރުތަކަށް ހީނުކުރާވަރުގެ ގެއްލުންވޭ!

ދިވެހިރާއްޖޭގައި މަސްވެރިކަމާ ބެހޭގޮތުން ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، ދިރޭ ކުދިމަހުގެ މަސްވެރިކަމުން ނަގާ ބާވަތްތަކުގެ މަހަކީ ފަރުތަކާ ގުޅިފައިވާ މަސްމަހެވެ. އެހެންކަމުން ދިރޭ ކުދި މަސް މާހައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާ ކުރެއެވެ.

ދިރޭ ކުދި މަސް އެކްސްޕޯޓް ކޮށްފައިވާ މިންވަރަށް ބަލާއިރު، 2017 ވަނަ އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ 20 ބާވަތުގެ ކުދިމަހެވެ. އޭގެ ތެރޭގައި ރަންގެރިއާއި ތެޔޮފުޅިމަސް ހިމެނެއެވެ.

މި ދެބާވަތަކީވެސް ފަރުތަކުގެ ހެދިބޮޑުވުމުގައި މުހިންމު ދައުރެއް އަދާކުރާ، އަދި މާހައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ބާވަތެވެ.

އެފަދަ ބާވަތްތަކަށް 'ކީސްޓޯން ސްޕީޝީސް' އޭ ކިޔައެވެ. އެއީ އެ ބާވަތެއް މާހައުލުން ނެތި ހިނގައްޖެނަމަ ނުވަތަ މާ މަދުވެއްޖެނަމަ މާހައުލީ ނިޒާމުގެ ހަމަހަމަކަން ގެއްލިދާނެ ފަދަ ބާވަތްތަކެވެ. ނުވަތަ އޭގެ ސަބަބުން މާހައުލު އެއްކޮށް ނެތި ހިނގައިދާނެ ކަމުގެ ބިރު އޮވެއެވެ.

ތެޔޮފުޅިމަސް ކަނީ އެސޮރުގެ ހަށިގަނޑުގެ ބޭރު ކައިރީގައި އުޅޭ ކުދި ސޫފިތަކާއި، ބޮޑެތި މަހުގެ ހަށިގަނޑުގެ ބޭރު ފަށަލައިގައި ހުންނަ ލޮނދީގައި ހިފާފައި ހުންނާ އެއްޗެއްސެެވެ.

ތެޔޮފުޅިމަސް ނަގައި ހުސްކުރުމުން ލިބޭނެ ގެއްލުން ބެލުމަށް ހެދި ދިރާސާއިން ދައްކާ ގޮތުގައި، އެފަދަ މަސް ހިފާ ފަރަކާއި ހިފުން މަނާކޮށްފައި ވާ ފަރެއް އަޅާކިޔާފައިވެއެވެ. އެގޮތުން، ތެޔޮފުޅިމަސް ނަގައި ހުސްކޮށްފައިވާ ފަރުތަކުގައި އުޅޭ އެހެނިހެން މަސްމަހުގެ ސައިޒު ކުޑަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މަހުގެ އާބާދީ އިތުރުވެ އާލާވާ މިންވަރު ވަނީ 37 ޕަސެންޓް ދަށްވެފައެވެ.

އޭގެ އިތުރުން، މުޅި އެ މާހައުލުގައި އުޅޭ މަހުގެ ބާވަތްތައްވެސް ނިސްބަތުން 66 ޕަސެންޓް ދަށެވެ. ހަމައެޔާއެކު އެފަދަ ފަރުތަކުގައި އުޅޭ ޅަ މަސް މަރުވާ މިންވަރު ވެސް އިތުރެވެ.

އެހެންކަމުން މިފަދަ ދިރާސާތަކުން ދައްކާ ގޮތުގައި ތެޔޮފުޅިމަސް ކަހަލަ ސާފުކުރާ މަހުގެ ސަބަބުން މާހައުލީ ނިޒާމަށް ގިނަގުނަ ފައިދާތަކެއް ކުރާކަން ދައްކުވައިދެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!