މަސްވެރިކަމާއި ގުޅޭ

ކުލަފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ހާހަލާއި ތިލަތިލައިގައި ގިނައިން އުޅޭ މަހެކެވެ.

ދިވެހިން ދުވާލާއި ރޭގަޑުކުރާ ކެޔޮޅުކަމުގައި މިމަސް ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. މަހުގެ އަމިއްލަ މާޙައުލުގައި އުޅޭއިރު މިމަހަކީ ވަރަށް ރީތި ތަފާތު ކުލަތަކަށް ހަށިގަޑުގެ ކުލަ ބަދަލުކުރާ މަހެކެވެ. މަހުގެ ބޮލުގެ މަތިން ދެލޮލުގެ ދެމެދު ހުންނަނީ އެއްވަރަށް ފަތާކޮށެވެ. ކަންފަތްގަޑު، ބޮލުގެ ދިގުމިނަށްވުރެ ކުރުވާނެއެވެ. މިމަސް އެންމެ ބޮޑުވަނީ 75 ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ މަހާއި، ބޯވަދިލަމަހާއި ފިނިހަކައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މުޅިމަހުގައިހެން ކަޅުކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިތިކިތަކުގެ މަތީން ކަޅުކުލައިގެ ލައްތަކެއް ތަފާތު ގޮތްގޮތަށް މަހުގެ ދެއަރިމަތިން ފާޅުވެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށުގެ މަތީގައި ފާހަގަކުރެވޭފަދަ ގޮތަކަށް ކަޅުކުލައަކަށްދާ ގަދަމުށިކުލައިގެ ލަފެއްހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސިނަމާ ގުޅޭގޮތުން މަހުގައި ހުންނަ ފާހަގަކުރެވޭ ސިފަތަކަށް ބަލާ "ކުލަފާނަ" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Camouflage grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!