މަސްވެރިކަމާއި ގުޅޭ

ހުނގުމަސް

ހުނގުމަހަކީ ރާއްޖޭގެ ތިލަފަޅުތަކުގެ މުރަކަގާތަކުގެ ތެރޭގައި ގިނައިން އުޅޭ މަހެކެވެ.

މިމަސް ޢާއްމުކޮށް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ގާތަކުގެތެރޭގައެވެ. މިއީ ފަރުފަރުގެ ބޭރުމައްޗަށް އައިން ހަދައިގެން ނުކުމެއުޅޭ މަހެއްނޫނެވެ. ނަމަވެސް މުރަކަތަކުގެ ތެރޭގައި ބައިބަޔަށް އެއްހިސާބުގަޑަކުން ފެނުމަކީ އެކަށީގެންވާކަމެކެވެ. ނަނުފައްތައިގެންކުރާ ކެޔޮޅުކަމުގައި މަދުން މިމަސްބޭނެއެވެ. މިއީ އަޑީގައި އުޅޭއިރު މޫދަށްއެރިއުޅޭ މީހުންނަށް ވަރަށް ގާތްވެވޭ ސިހުން ކުޑަ މަހެކެވެ. އަދި ފަރުމައްޗަށްއެރި ދަގަނޑުޖަހާމީހުން ވަރަށްފަސޭހައިން މިމަހަށް ދަގަނޑުޖަހައިގެން ހިފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ އޮޔާދާ ބޮޑެތި ފަނިފަކުސައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 އާއި 25 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 13 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަހުގެ އަނގަހުންނަނީ ގިނަމަސްމަހާއި ޚިލާފަށް ވަރަށް ބޮޑަށް އިސްނެގި މަހުގެ މައްޗަށް ވާގޮތަށް ތެދަށެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރީބައިގައި ރާޅުކަމެއްހުރެއެވެ. މަހުގެ މުޅިހަށިގަޑުގައި ރާޅުކޮށް ހުންނަ ކުދި ހުޅުނބުތަކެއް ހުރެއެވެ. ނިގޫފަތުގެ ދެކޮޅު ފަހަތަށް ދިގުކޮށްހުރެއެވެ. މަހުގެ ކަރުތާފަތްގަޑާއި ދިމާތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިބައި ބަނޑުދަށްފަރާތުގެ މައިކޮތަރިބައި ފެށިފައިވާ ހިސާބަށް ދިގުވެފައިހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ.

އިނގިރޭސި ނަން: Crescent-tail bigeye
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!