މަސްވެރިކަމާއި ގުޅޭ

ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން ކުރިން އަޅައިފައިވާ ފިޔަވަޅުތައް

ދިރޭކުދިމަހުގެ މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކަކީ މީގެ ކުރިންވެސް އެކްސްޕޯޓުކުރެވޭނެ އެންމެ މަތީ މިންވަރުތަކެއް (ޓީ.އޭ.އީ) ކަނޑައަޅައިފައިވާ ބާވަތްތަކެކެވެ.

އެހެންނަމަވެސް، 2017 ވަނަ އަހަރު އެންމެ ގިނައިން ދިރޭކުދިމަހުގެ ގޮތުގައި އެކްސްޕޯޓު ކޮށްފައިވާ 20 ބާވަތުގެ ތެރެއިން ހުރިހާ ބާވަތަކަށް މިފަދައިން ޓީ.އޭ.އީ އެއް ކަނޑައަޅައިފައެއްނުވެއެވެ. އެއީ ފާއިތުވި އަހަރުތަކުގައި ދިރޭކުދިމަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑަށް އަންނަ ބަދަލުތަކާ ގުޅިގެން އެންމެ ގިނައިން އެކްސްޕޯޓުކުރެވޭ ބާވަތްތައް ބަދަލުވަމުންދާތީ އާއި އެކްސްޕޯޓުކުރެވޭ މިންވަރަށް ބަދަލު އަންނާތީ މި މަސްވެރިކަމުގައި ކޯޓާ ސިސްޓަމެއް ތަޢާރުފުކުރުމަކީ ނުވަތަ ޓީ.އޭ.އީ އެއް ކަނޑައެޅުމަކީ އުނދަގޫ ކަމަކަށް ވާތީއެވެ.

އެންމެ ފުރަތަމަ އެމް.އެމް.އާރް.އައި ގެ ފަރާތުން ކަނޑައަޅައިފައިވާ ކޯޓާ ތަންފީޛުކުރަމުން ދިޔައީ މި ނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުންނެވެ. އަދި 2012 ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ މިމަސައްކަތް ހަވާލުވުމާ ހަމައަށް ކޯޓާ ތަންފީޛުކުރުމުގެ މަސައްކަތްކޮށްފައިވަނީ އެ މިނިސްޓްރީންނެވެ. މިގޮތަށް ކޯޓާ ކަނޑައެޅުމުގެ ތެރޭގައި، އެކި ކަންކަމަށް ރިޢާޔަތްކޮށް، ކޮކާމަހާއި، ލަނޑަޔާއި، ވެނާއި، ބިބީ އަދި ކޮލީގެ ބައެއް ބާވަތްތަކާއި، ތުންގަނޑުދިގު ފަތިރޮނޑާއި، ދޮން ނޫ ކާޅު އަދި އެމުގެގޮތުގައި ބޭނުންކުރާ މުހިންމުބާވަތެއް ކަމަށްވާ ނިލަމެހި ދިރޭކުދިމަހުގެ ގޮތުގައި ބޭރުކުރުން މަނާކޮށްފައިވެއެވެ.

މީގެކުރިން ދިރޭކުދިމަހުގެ މަސްވެރިން ނުވަތަ ދިރޭކުދިމަސް ނަގާ ފަރާތްތައް ލައިސަންސް ކުރެވިފައިނުވާ ނަމަވެސް، 2010 ވަނަ އަހަރު ދިރޭކުދިމަސް ގެންގުޅޭ އަދި ޕެކްކުރާ ހޯލްޑިންގ ފެސިލިޓީތައް ލައިސަންސް ކުރުމުގެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. ތަފާސްހިސާބު އެއްކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލައިލާއިރު، ދިރޭކުދިމަސް އެކްސްޕޯޓުކުރުމުގެ ކުރިން، އެކްސްޕޯޓުކުރާ ކޮންމެ ޝިޕްމަންޓަކާއެކު ޕްރޮފޯމާ ޝީޓެއް ހުށަހެޅުމަށް ލާޒިމުކޮށްފައިވެއެވެ. އެންމެ ފުރަތަމަ މި ނިޒާމު ެދުވެރިކޮށް މާ ބޮޑު ދަތިތަކެއްނެތި މަޢުލޫމާތު ލިބިފައިވީނަމަވެސް، ދިރޭކުދިމަހުގެ ވިޔަފާރި އިތުރަށް ފުޅާވެ، އެކްސްޕޯޓުކުރެވޭ އަދަދާއި ބާވަތްތައް އިތުރުވުމުގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހަޅާ ޕްރޮފޯމާ ޝީޓްތަކުގައިވާ މަޢުލޫމާތު މިނިސްޓްރީއަށް ލިބުމުގައްޔާއި، އެމަޢުލޫމާތު މިނިސްޓްރީގެ ތަފާސްހިސާބުތަކުގެތެރޭގައި ހިމެނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ކޯޓާ ނިޒާމު ތަންފީޛުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ދިރޭކުދިމަހުގެ މަސްވެރިކަމާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލާއި ލަފާ ހޯދުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަކާއި ސައިޓްތަކަށް ކުރެވުނު ޒިޔާރަތްތަކަށް ފަހު 2014 ވަނަ އަހަރުގެ ތެރޭގައި ކޯޓާގެ އަދަދުތައް އަލުން މުރާޖަޢާކުރުމަށްފަހު ކޯޓާތަކަށް ގެންނަން ވާ އިޞްލާޙުތައް ވަނީ ހުށަހަޅައިފައެވެ.

މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި 1997 ވަނަ އަހަރު ދިރޭކުދިމަހުގެ މަސްވެރިކަމުގައި ބޭނުންކުރަމުން އައި މޮކްސީ-ނެޓް (ދައު) ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!