މަސްވެރިކަމާއި ގުޅޭ

Corel Bleeching

ފަރުތަކުގެ ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިއްޖެ

ރާއްޖޭގެ ފަރުތަކުގެ ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، މޯލްޑިވްސް މެރިން އިންސްޓިޓިއުޓާއި އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން މެރިން އިންސްޓިޓިއުޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމަށް މަގުފަހިވާ ދުވަސްވަރެެއް ކަމަށެވެ. ރާއްޖެއަށް  1998 ވަނަ އަހަރު ދިމާވި  ގާހުދުވުމުގެ ބޮޑު ހާދިސާއަށް ފަހު، މިފަދަ ހާދިސާތައް ތަކުރާރުވުން އަވަސްކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ދުވަސްވަރެއްގައި އިންސާނުންގެ ފަރާތުން ފަރަށް ކުރާ ނޭދެވޭ އަސަރު އިތުރުވާނަމަ، ފަރުތަކުގެ ސިއްހަތު ކުރީގެ ހާލަތަށް  އިއާދަވުން ލަސްވާނެ ކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އިން [ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް] ނަމުގައި ދަނީ  ޕްރޮގްރާމެއް ހިންގަމުންނެވެ. މިޕްރޮގްރާމުން ލިބޭ މައުލޫމާތުގެ އަލީގައި އެކި ޤައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާއި ގުޅިގެން ފަރުތަކަށް ކުރިމަތިވާ ސްޓްރެސް އަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކުރެވެއެވެ.  މިގޮތުން ގާ ހުދުވުމުގެ ހާދިސާއެއް ދިމާވެދާނެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ފަސް ގިންތިއަށް ބަހާލެވެއެވެ. އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު މުޅި ރާއްޖެ މިވަގުތު އޮތީ ދެވަނަ ގިންތި ކަމަށްވާ  [ވޮޗް] ލެވެލްގައެވެ.  ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް [ވޯނިންގ] ލެވެލް އަށް އަރާނެކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިއަށް އޮތް 9 ހަފުތާއާއި 12 ހަފުތާއާއި ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަހައްދުތަކުގައި [އެލާރޓް ލެވެލް 1] އަށް އަރާނެ ކަމަށްވެސް ވަނީ އަންދާޒާ ކުރެވިފައި ކަމަށް މެރިން އިންސްޓިޓިއުޓުން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައި ވީހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތައް  ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއްގެ ގޮތުގައި މެރިިން ރިސަރޗު އިންސްޓިޓިއުޓުން ދެކެއެވެ.

އެ އިންސްޓިޓިއުޓުން ވަނީ ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، ފޯމުތައް މެދުވެރިކޮށް މި އިންސްޓިޓުޓަށް އެމައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

އޮންލައިން ފޯމުގެ ޒަރިއްޔާއިން މައުލޫމާތު ހުށަހެޅުއްވުމަށް: https://forms.gle/6smgvy7ejtxgevmXA

މައުލޫމާތު އީމެއިލް ކުރެއްވުމަށް: https://www.mrc.gov.mv/assets/Uploads/Bleaching-Form-2019-Dhivehi.pdf (ދިވެހި ބަހުން) ނުވަތަ https://www.mrc.gov.mv/assets/Uploads/Bleaching-Form-2019-English.pdf (އިނގިރޭސި ބަހުން) ލިންކުގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު data@mmri.gov.mv އަށް އީމެއިލް ކުރެއްވުން.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!