މަސްވެރިކަމާއި ގުޅޭ

ބައިބުރު ކޮކާމަސް

މިއީ ރާއްޖޭގައި އުޅޭ ކޮކާމަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ތަދު ބާވަތެކެވެ.

މިއީ ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނެވެ. ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ މަހެކެވެ. މިބާވަތުގެ މަސް ޢާއްމުކޮށް އުޅޭކަމަށް ރާއްޖެއިން މިހާތަނަށް ރެކޯޑްކުރެވިފައިވަނީ ކ. ހުޅުލޭ ފަރުކައިރިއަށް ފެތިފައިވާ " މޯލްޑިވް ވިކްޓްރީ" ގެ ތެރެއިންނާއި ޅ. ހިންނަވަރުގެ ފަރުބޭރުންނެވެ. މިމަސް އެންމެ ބޮޑުވަނީ 38 ސެންޓިމީޓަރަށެވެ. މަހުގެ މައިގަނޑު ކާނާއަކީ މޫދުމަޑު ސްޕޮންޖް ގެ ބާވަތްތަކާއި ފެއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 20 އާއި 23 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުވަށްޓާއެކު 18 އާއި 21 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ ތިރީބައިގައި ތޫނު ކަށްޓެއް ހުރެއެވެ. މިމަހުގެ ކުލައަކީ ފެހިކުލައެކެވެ. އަދި މަހުގައި ފާޅުކަންބޮޑު ލައްތަކެއް ހުރެއެވެ.

މަހުގެ ކަރުތާފަތުގެ މަތީގައި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. ތުންފަތުގެ ކުލައަކީ ރީނދޫކުލައެވެ. ގިނަކޮކާމަހުގެ ބާވަތްތަކެކޭ އެޙްބީދައިން މިބާވަތުގެ މަހުގެ ޅަމަސް ބޮޑެތިމަހާއި ވަރަށް ތަފާތެވެ. ޅަމަހުގެ ކުލައަކީ ގަދަ ނޫކުލައެވެ. އަދި މަހުގެ ދެފަރާތުގައި ހޯދާ ފަނޑުނޫކުލައިގެ ހަނދުފަޅިބުރަށް ހުންނަ ކުރެހުންތަކެއް ހުރެއެވެ. މިމަހަށް ކިޔާ އުޅޭ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ސިފައަކާއި މަހަށްކިޔާ އިގިރޭސިނަމާއި ސައިންޓިފިކްނަމާ ގުޅޭގޮތަށް "ބައިބުރުކޮކާމަސް" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Semicircular angelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!