މަސްވެރިކަމާއި ގުޅޭ

ފުންނިލަމެހި

މިއީ ރާއްޖޭގެ ފަރުތަކުގެ ބޭރުން ގާތްގަޑަކަށް 25 މީޓަރު އަޑީގައި އުޅޭ ކުޑަ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 9 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަސް ޢާއްމުގޮތެއްގައި އުޅެނީ އެހެނިހެން ނިލަމެހީގެ ވައްތަރުތައްއުޅޭ ބީދައިން މުރަކަތަކުގެ ނިވާކަން ހޯދައިގެންނެވެ. މިއީ ދިވެހިން ކައިއުޅޭމަހެއްނޫނެވެ. މަހުގެ ޢާއްމުކާނާއަކީ މޫދުގައި އުޅޭ ކުދިކުދި ފަނިފަކުސައެވެ.

މަހުގެ ކުލައަކީ ގަދަ މުށިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ނޫކުލައަކަށްދާ އަޅި ކުލައެއްގައެވެ. މަހުގެ ފަހަތްކޮޅުގައި ނިގޫފަތުގެ ކުރީން ހުދުކުލައިގެ ފުޅާ ރޮނގެއްހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ބުޑު ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށް ކުރުވެފައި ފަހަތްކޮޅު އަޅިވާނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިއީ ޢާއްމުކޮށް ފެނިފައި ހުންނަ މަހެއްނޫންކަމުން މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށްކިޔާ އިގިރޭސިނަމާވެސް ގުޅުވައިގެން "ފުންނިލަމެހި" ކިޔާފައިވަނީއެވެ. މިނަން މިމަހަށް ކިޔާފައިވަނީ މިއީ ނިލަމެހީގެ ވައްތަރަކަށް ވުމާވެސް އެކީގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Deep-reef chromis
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!