މަސްވެރިކަމާއި ގުޅޭ

ދޮންލުނބޯހިކާ

މިއީ ރާއްޖޭގެ އެތެރެވަރީގެ ފަރުތަކުގެ ބޭރުން ގާތްގަނޑަކަށް 10 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ ހިކައެކެވެ.

މިއީ ދިވެހިން ކައިއުޅޭ އަދި ޢާއްމުކޮށް ހިފާއުޅޭވެސް ހިކައެއްނޫނެވެ. މިބާވަތުގެ ހިކާ އަޑީގައި އުޅެނިކޮށް ގިނައިން ފެނިފައި ހުންނަނީވެސް ވައިފުޅު އަޅައިގެން ފީނާ މީހުންނަށެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުން ހިފާ އުޅެނީ ހަމައެކަނި ދިރޭމަސް ބޭރުކުރުމަށް ވައިފުޅި އަޅައިގެން ފީނައިގެން މަސްހިފާ މީހުންނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ދޮންލުނބޯކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ އަންހެންމަހާއި ފިރިހެންމަހުގައި ހުންނަ މައިގަނޑު ތަފާތަކީ އަންހެންމަހުގެ ބުރަކަށިމަތީ ކޮތަރީގެ ދެކޮޅުގައްޔާއި މެދުގައި އަދި ނިގޫފަތުގެ ބުޑުދަށުގައި ކަޅުކުލައިގެ ލަފެއް ހުންނަކަމެވެ. އަދި ފިރިހެން މަހުގެ ބޮލުގައި ފެހިކުލައަކަށްދާ ކުރެހުންތަކެއް ފާޅުކޮށް ހުރެއެވެ. މިއީ 11 ސެންޓިމީޓަރަށް ބޮޑުވާ ހިކައެކެވެ.

މިހިކައަށް ވަކި ޚާއްޞަނަމެއް އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުން ނުދާތީ މިމަހުގެ ސައިންޓިފިކް ނަމާއި އިގިރޭސިނަމާއި އަދި މަހުގެ ކުލަވަރަށް ވިސްނާ މިމަހަށް "ދޮންލުނބޯހިކާ" ކިޔާ ނަންދީފައިވަނީއެވެ. މިމަހުގެ ޢާއްމު ކާނާއަކީ މޫދު އަޑީގައިއުޅޭ ތަފާތު ވައްތަރުތަކުގެ ކުދި ދިރުންތަކެވެ.

އިނގިރޭސި ނަން: Lemon meringue wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!