މަސްވެރިކަމާއި ގުޅޭ

2DA6B8DD-E5FC-459F-B499-E9B79BC474D2

ކަނޑުއޮތްގިރި ބަނދަރު ތަރައްޤީ ކުރަން އެމްޓީސީސީއަށް

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލާ އީނާސް ނަސީރުއެވެ. ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ )މިފްކޯ(ގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ. އަދި މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ.

އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެއެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަބޭނުން ހިފުމަށް ވަނީ ދަތިކަމަކަށްވެފައެވެ.

މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރަށްވެސް މި ބަނދަރު ބެނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންގޮސް ރައްޖޭގެ މަސްވެރިކަމުގު ސިނާއަތަށް ހެޔޮބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ދަށުން، 10000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި، ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީ.އައި.އޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 36 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!