މަސްވެރިކަމާއި ގުޅޭ

ރާއްޖޭގައި އެންމެ ގިނައިން ބާނާފައިވާ ފާނަ އަކީ މަސް ފާނަ

މޯލްޑިވްސް ރިސާޗް އިންސްޓިޓިއުޓްއިން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާމްޕަލިން ދަތުރުތަކުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދާފައިވާ މައުލޫމާތަށް ބަލައި، ރާއްޖެއިން އެންމެ ގިނައިން ބާނާފައިވާ ފާނައިގެ ބާވަތްތައް ކަނޑައެޅިއެވެ.

މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ބާނާ ފާނައިގެ 90 ޕަސެންޓަކީ 10 ބާވަތެއްގެ ފާނައެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ބާނާފައި ވަނީ މަސް ފާނައެވެ. އެއީ ރާއްޖޭގައި ބޭނި ފާނައިގެ 22 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބާނާފައި ވަނީ ގިނި މަސް ފާނައެވެ. އެއީ 20 ޕަސެންޓެވެ.

މި ލިސްޓުގެ ތިންވަނައިގައި، 10 ޕަސެންޓާއެކު އޮތީ ބޯޅަ ޖެހި ފާނައެވެ. 9 ޕަސެންޓް ހިއްސާ ކުރަނީ ކަނޑުހާއެވެ.

މިއީ އާއްމުކޮށް ފާނައިގެ މަސްވެރިކަމުގައި ބާނާ އުލޭ ބާވަތްތައް ނަމަވެސް މުނިފޫހި ފިލުވައިލުމަށާއި މަޖާކޮށްލުމަށްޓަކައި ޖިގު ބޭނުން ކޮށްގެން ތަންކޮޅެއް ފުނުގައި އުޅޭ ފާނަވެސް މީހުން ބައެއް ފަހަރު ބާނައެވެ.

ދިރުންތަކުގެ އާބާދީގެ ހާލަތު ގިންތި ކުރުމަށް ބޭނުންކުރާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ ރެޑްލިސްޓުގައި، ފާނައިގެ 13 ބާވަތެއް ހިމެނެއެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. ކަނޑުގެ ލޮނުގަނޑު ހޫނު ވުމަކީ ރާއްޖޭގައި އުޅޭ ފާނައިގެ އާބާދީއަށް ނުރަނގަޅު އަސަރު ކުރާ ކަމެކެވެ.

މިފަދަ ގުދުރަތީ ހާދިސާތައް ހިނގަމުން ދާއިރު، ފާނައިގެ މަސްވެރިކަން ކުރެވެނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރަން ޖެހެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!