މަސްވެރިކަމާއި ގުޅޭ

MIFCO (3)

މިފްކޯއިން މަސްދަޅުގެ އަގުތައް ބޮޑުކޮށްފި

މަސްދަޅު އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެފައިވުމުން، މިފްކޯއިން މަސްދަޅުގެ އަގުތައް ބޮޑުކޮށްފިއެވެ.

މިފްކޯއިންވަނީ އަގުތައް ބަދަލުކުރަން ނިންމާފައިވާކަން މީގެކުރިންވެސް ހާމަކޮށްފައެވެ.

މިފްކޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މަސްވެރިންގެއަތުން މަސް ގަންނައަގު މާރޗުމަހުގެ 1ވަނަދުވަހުން ފެށިގެން ކިލޯއަކުން 16ރ އިން 17ރ އަށް ބޮޑުކުރެވިފައިވާއިރު، ދުނިޔޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއެކު ދަޅު އުފައްދަން ބޭނުންކުރާ ޕެކިންގ މެޓީރިއަލްގެ އަގުތައް ބައިނަލްއަގްވާމީ ބާޒާރުގައި ވަނީ ބޮޑުވެފައިކަމަށެވެ.
ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު ދަޅު އުފައްދަން ބޭނުންކުރާ ޓިންފްރީސްޓީލްގެ އަގުވެސް ވަނީ އުފުލިފައެވެ. މީގެއިތުރުން، ކުންފުނީގެ ޚަރަދުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު މިހާރު 50 އިންސައްތައަށްވުރެ އިތުރުވެ ތަކެތީގެ އިމްޕޯޓް ފްރެއިޓު ޚަރަދުވެސް ވަނީ އުފުލިފައިކަން އެކުންފުނިން ފާހަގަކުރެއެވެ.

މިފްކޯގެ އުފެއްދުންތަށް ތައްޔާރުކުރުމަށް ބޭނުންވާ މަހުގެ އަގު ބޮޑުވުމުގެ އިތުރުން، ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ރޯމެޓީރިއަލްގެ އަގުތައް ވަރަށް ބޮޑުތަނުން އުފުލިފައިވުމާއިއެކުވެސް، ކުންފުނީގެ އުފެއްދުންތަކުގެ އަގަށް ބަދަލު ނުގެނެސް ރޯދަމަހުގެ ޕްރޮމޯޝަންގެތެރޭގައި ކަސްޓަމަރުންނަށް މިފްކޯގެ އުފެއްދުންތައް ރަނގަޅު އަގުތަކެއްގައި ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މިފްކޯއިން ދަޅުމަހުގެ އުފެއްދުންތަކުގެ އަގަށް ބަދަލު މިގެނައީ ގިނަ ދުވަސްތަކެއް ވަންދެއް އެއް އަގެއްގައި ހިފެހެއްޓުމަށްފަހުގައެވެ. ދަޅުމަސް އުފެއްދުމުގެ ޚަރަދަށްއައި ބަދަލާގުޅިގެން އަގަށް މިގެނައި ބަދަލަކީ ކަސްޓަމަރުންނަށް ވިވަގުތަށް މި އުފެއްދުންތައް ފޯރުކޮށްދެވެންހުރި އެންމެ ރަނގަޅު އަގުކަމަށް މިފްކޯއިން ހާމަކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް ހެ ޔޮ ބަދަލެއް އައިސް، ދަޅުމަސް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ކުޑަވާ މިންވަރަކުން އަގުތަކަށް ހެޔޮ ބަދަލުތައް ގެންނާނެ ކަމަށެވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސް ކޭހެއްގެ އަގު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއްގެ އަގު ވަނީ 715ރ. އަށް މަތިވެފަ އެވެ. އަދި މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް ވަނީ މަތިކޮށްފަ އެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް ތިން ރުފިޔާ ބޮޑުވެގެން ގޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!