މަސްވެރިކަމާއި ގުޅޭ

Mifco cans

މިފްކޯއިން އައު މަސްދަޅެއް މާކެޓަށް

މިފްކޯއިން މުޅިން އައު މަސްދަޅެއް ޑްރެއިންޑް ކަނޑުމަސް ޗަންކްސްގެ ނަމުގައި މާކެޓަށް ތައާރަފްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖް ޝޯގައި މިފްކޯއިން ލޯންޗްކޮށްފައިވާ މި މަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. މިއީ މިބާވަތުގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ. ކުޑަ ތެޔޮފޮދެއްގެ ސަބަބުން ގިނަ ފަސޭހަތަކެއް މި މަސްދަޅު ބޭނުން ކުރާ ފަރާތްތަކަށް ލިބޭނެއެވެ.

އެ ގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި މި މަސްދަޅު ބޭނުންކުރަން ފަސޭހަވެފައި، ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ތަޣައްޔަރުވުން ކުޑަކޮށްދެއެވެ. މިއީ ހައްޓަށް ފަސޭހަ ޓައްޕަށް ފަސޭހަ ކައްކަން ފަސޭހަ އަދި ޖީބަށް ލުއި މަސްދަޅެކެވެ. ކުޑަ ތެޔޮ ފޮދެއް ހުރުމުން ސީދާ ތެއްޔައް އަޅާ ފަސޭހަ ކަމާއެކު ވަގުތުން ކާނާ ތައްޔާރު ކޮއްލެވޭނެއެވެ. އަދި މީގެ އިތުރުން އޮންދަ ގޯ ގައި ސޭންޑުވިޗް، ޕަނީނޯ ފަދަ ތަކެތި ތައްޔާރު ކޮއްލެވޭނެއެވެ.

އަލަށް ތައާރަފް ކުރެވުނު މަސްދަޅުގެ ރަހަބެލުން މިހާރު ކުރިއަށްދާ ފުޑް އެން ބެވަރޭޖަރސް ޝޯ ގައި ބެހެއްޓިފައިވާ މިފްކޯގެ ސްޓޯލުގައި ހަމަޖެހިފައިވެއެވެ.

މި މަސްދަޅު މި ހިނގާ ޖޫންމަސްތެރޭގައި މާރކެޓަށް ނެރުމަށް ވަނީ ޕްލޭންކުރެވިފައެވެ. މި އުފެއްދުން ސަންފްލާވަރ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފެއްދޭނެއެވެ. މިއީ މިހާރު މިފްކޯއިން އުފައްދާ ޗަންކްސް އިން އޮއިލް އާ އަޅާބަލާއިރު ނިސްބަތުން އަގުހެޔޮ ޕްރޮޑަކްޓެކެވެ. މިފްކޯއަކީ މީގެ ކުރިންވެސް ތަފާތު އީޖާދީ އުފެއްދުންތަކެއް ބާޒާރަށް ނެރެފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!