މަސްވެރިކަމާއި ގުޅޭ

ދޮންކާށިހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ ކާށިހިކާގެ ބާވަތެކެވެ.

މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށެވެ. މިއީ މޫދުގައި ވަރަށް ހަލުވިކޮށްއުޅޭ މަހެކެވެ. މިއީ ރީތި މަހެއްކަމުން ދިރޭމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ ހިކާ ގެންގުޅުމަށް ލޯބިކުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 8 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ އެއްބަރިއަށް ހުންނަ ދަތްތަކެއް ހުރެއެވެ. ދެތަލީގެ މެދުގައި ހުންނަ ދެދަތް ހުންނަނީ ކުޑަކޮށް އޫކޮށެވެ. ނިގޫފަތުގެ ކޮޅުހުންނަނީ ފަހަތަށް ދިގުކޮށެވެ.

މަހުގެ ކުލައަކީ ފަނޑުރީނދޫކުލައެވެ. ވަރަށް ފާހަގަކުރެވޭ ކަޅުކުލައިގެ ފުޅާރޮނގުތަކެއް ހުރަހަށްހުރެއެވެ. މިރޮނގުތައްމަތީ ކޮތަރީގައިވެސް ފާހަގަކުރެވޭ މިންވަރަށް ހުރެއެވެ. ބޮލުގެތިރީބަޔާއި ބަނޑުދަށްފަރާތް ހުންނަނީ ފަނޑުހުދުކުލައެއްގައެވެ. ނިގޫފަތްހުންނަނީ އަޅިކުލައެއްގައެވެ. އަދި މިބާވަތުގެ ޅަ މަހުގެ ނިގޫފަތުގެ މަޑުކަށިތަކުގެ ބުޑުގައި ކަޅުކުލައިގެ ލަފެއްހުރެއެވެ. އަދި ބުރަކަށިމަތީ ކޮތަރިބައިގައިވެސް ކަޅުކުލައިގެ 3 ލައްހުރެއެވެ.

މި މަހަށްކިޔާ ވަކި ޙާއްސަނަމެއް ރެކޯޑުކުރެވިފައި ނެތުމާއެކު މިއީ ކާށިހިކާގެ ބާވަތެއް ކަމުގައިވާތީއާއި މަހުގައި ފާހަގަ ކުރެވޭ ކުލަވަރަށް ވިސްނާ މިމަހަށް "ދޮންކާށިހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Jansen’s wrasse
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!