މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

"ހޯނޑެއްދޫ މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނަޔަސް ކުންފުންޏަށް ފައިދާއެއް ނުވާނެ"

ގދ. ހޯނޑެއްދޫ މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނަޔަސް ކުންފުންޏަށް ފައިދާއެއް ނުވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ، 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން ފިރުޝާން، ފިޝަރީޒް މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހޯނޑެއްދޫ މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނަޔަސް، ސަރުކާރުން މަސް ގަންނަ އަގުތަކާ ވާދަ ނުކުރެވޭނެ ކަމަށެވެ. އަދި ތަން ހަވާލު ކޮށްފައިވާ ހޮރައިޒަން ފިޝަރީޒްއަށް ފައިދާ ނުވާނެ ކަމަށެވެ.

"އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަ ދެއްކީމާ އެ ބޭފުޅުން ވިދާޅުވަނީ 5-6 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތިމަންނަމެން އެ ތަނުގެ މަސައްކަތް ނިންމި ނަމަވެސް މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމަކަށް ނުވެއޭ،" ކުންފުންޏަށް ފައިދާނުވާ ވިޔަފާރިއެއް ކުރުވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަން ފާހަގަ ކުރައްވާ، މިނިސްޓަރު ވިދާޅުވިއެވެ.

"ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް 17 ރުފިޔާ އަށް މަސް ގަނެގެން އޭގެން ފައިދާ ވާނެކަމަށް އެ ކުންފުންޏަށް ނުފެންނާތީ އަދި ކޮމްޕެޓިޝަންގައި ބައިވެރިވިޔަސް އެމީހުންނަށް އެކަށީގެންވާ މަހެއް ނުލިބޭނެ ދެއްތޯ، 13ރުފިޔާ އަށް 17ރުފިޔާ އަށް ލިބެންޏާ،" މިނިސްޓަރު ވިދާޅުވިއެވެ.

ހޯނޑެއްދޫގައި ހަދަން ފެށި މަސް ފެކްޓަރީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ފެށި މަސައްކަތެކެވެ. އެހެންކަމުން ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ފެށިތާ 16 އަހަރު ވީއެވެ.

މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގެ ތަޅުމުގައި، މަޖިލީހުގެ އެކި މެމްބަރުން ވަނީ މަސްވެރިކަމާ ގުޅުންހުރި އެކިއެކި ސުވާލު މިނިސްޓަރާ ކުރިމަތި ކުރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!