މަސްވެރިކަމާއި ގުޅޭ

ޤަވާއިދާ ޚިލާފަށް ރާއްޖޭގެ މަސްކަނޑުގައި މަސްވެރިކަން ކުރަމުންދަނިކޮށް އަތުލި ބޭރުގެ މަސްބޯޓު: / ފޮޓޯ: އެމްއެންޑީއެފް
ޤަވާއިދާ ޚިލާފަށް ރާއްޖޭގެ މަސްކަނޑުގައި މަސްވެރިކަން ކުރަމުންދަނިކޮށް އަތުލި ބޭރުގެ މަސްބޯޓު: / ފޮޓޯ: އެމްއެންޑީއެފް

ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަކީ އަބަދުވެސް ގޮންޖެހުމެއް: މިނިސްޓްރީ

ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަކީ އަބަދުވެސް ގޮންޖެހުމެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވުމަކީ އާއްމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި މިނިސްޓްރީންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވީ،  ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަކީ ހަމައެކަނި މަސްވެރިކަމުގެ ސިނާއަތަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. ސިނާއީ ހުރިހާ މަސައްކަތްތަކެއްގައިވެސް ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭކަން ފާހަގަ ކުރައްވަމުން ޝިފާޒް ވިދާޅުވީ، މަސްވެރިން ބަލަހައްޓާ ވުޒާރާއެއްގެ ހައިސިއްޔަތުން، އެ މައްސަލައިގައި މިނިސްޓްރީން ވަރަށް ކަންބޮޑުވާ ކަމަށެވެ.

މަސް ދޯނިފަހަރުގައި ވެސް ގަވާއިދާ ހިލާފަށް ބިދޭސީން އުޅުމުގެ ސަބަބުން މަސްވެރިކަމުގެ ނަމަށް ކިލަނބުކަން އަންނަކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ސާފު މަސްވެރިކަމަށް މިވަނީ މަސްވެރިކަން ކުރާ ގޮތަކަށް ނޫން، މަނާކޮށްފައިވާ ސަރަހައްދުތަކަށް ވަދެ މަސްވެރިކަން ކުރުން އެކަންޏޭއްނޫން ސާފުކޮށްކުރާ މަސްވެރިކަމަކީ،" ޝިފާޒް ވިދާޅުވީ އޭގެ ތެރޭގައި، މަސްވެރިކަން ކުރާ އާލާތްތަކާއި މަސްވެރިކަމުގައި ތިމާވެއްޓާ ރައްޓެރި ގޮތްތައް ގެންގުޅުމުގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަސްވެރިކަމުގައި އުޅޭއިރު އެޅިފައިވާ ސަލާމަތާއި ރައްކާތެރިކަމާއި އަދި ބިދޭސީންގެ މައްސަލަވެސް ހިމެނޭ ކަމަށެވެ.

"މަސްވެރިކަމުގައި އެ ގެންގުޅޭ ފަރާތްތަކަކީ، ރާއްޖޭގައި ހެދިފައި އޮތް ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، އެ ނަގަންޖެހޭ ހުއްދަތައް ނަގައިގެން އުޅަނދުގައި ހަރަކާތްތެރިވާ ފަރާތްތައްކަން ޔަގީން ކުރަން ޖެހޭ. އެހެންވީމަ މިއިން ކޮންމެ ކަމެއް ހާސިލް ނުވިކަމުގައިވިޔަސް ބެލެވޭނީ މަސްވެރިކަން ގަވާއިދާ އެއްގޮތަށް ނުހިނގާކަމަށް،" ޝިފާޒް ވިދާޅުވިއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީވެސް ގާނޫނާ ގަވައިދުތަކުގެ ތެރެއިން ކުރާ މަސްވެރިކަމެއް ނޫނޭ ބުނެވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ މަސްވެރިކަން ބަލަހައްޓާ ވުޒާރާއެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމެއްކަމށް ޝިފާޒް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން ދާކަމަށް ޝިފާޒް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!