މަސްވެރިކަމާއި ގުޅޭ

ސީޕްރިޔާ މެރިން އެންޑް ސީ-- ފޮޓޯ/ މަސްވެރި ރާއްޖެ
ސީޕްރިޔާ މެރިން އެންޑް ސީ-- ފޮޓޯ/ މަސްވެރި ރާއްޖެ

ސީއެމްއެފްއަށް މަސްކިރައި، ފައިސާ ލިބުން ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަނީ

ސީޕްރިޔާ މެރިން އެންޑް ސީފްޑް (ސީއެމްއެފް)އަށް މަސް ކިރައި، ފައިސާ ލިބުން ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި މަސްވެރިއަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ތިން ދުވަސް ތެރޭ ޖަމާކުރަން ބުނި ފައިސާ، ތިން ހަފުތާ ވީއިރުވެސް ނުލިބޭކަމަށެވެ. ތެލުގެ އަގު ބޮޑުވެ، މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވާ ދުވަސްވަރެއްގައި ފައިސާ ޖަމާކުރުން ލަސްވާނަމަ މަސްވެރި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ޕޯސްޓުގައި ފާހަގަ ކުރިއެވެ.

އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތުު ދިން އޮޑިވެރިއަކު ބުނީ، މި މަހުގެ 16 ވަނަ ދުވަހު މަސް ކިރައި، ދެ ދުވަހެއްގެ ތެރޭގައި ފައިސާ ޖަމާ ކުރާނެކަމަށް ކުންފުނިން ބުނެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފައިސާ ނުލިބޭ ކަމަށެވެ.

ނަން ނުޖެހުމަށް އެދެމުން އޮޑިވެރިޔާ ކިޔައިދިން ގޮތުގައި، އެހެން ބައެއް ދޯނިތަކަށް ވެސް މި މައްސަލަ ދިމާވެގެން އެވާހަކަ ދައްކާފައިވާ ކަމަށެވެ.

ސީޕްރިޔާ މެރިން އެންޑް ސީ-- ފޮޓޯ/ މަސްވެރި ރާއްޖެ

"މީގެ ކުރިންވެސް މި ކުންފުނިން އެކަން ހިނގާކަމަށް ވަނީ. ފޭސްބުކް ޕޯސްޓެއް ކުރުމުން އެހެން ކެޔޮޅުންވެސް ކޮމެންޓް ކޮށްފަ އެބަހުރި އެކަން ހިނގާކަމަށް. ދެން އަޅުގަނޑު ގުޅާލިން ދެތިން ކެޔޮޅަކަށް. ގުޅީމަ ބުނީ ލަސްވެޔޭ ބައެއްފަހަރު،" އޮޑިވެރިޔާ ބުންޏެވެ.

މަސްވެރިންނާއި އޮޑިފަހަރުގެ ހުރިހާ ޚަރަދެއް ގުޅިފައިވަނީ މަސް ކިރައިގެން ލިބޭ ފައިސާއިންކަން ފާހަގަ ކުރަމުން އޮޑިވެރިޔާ ބުނީ ފައިސާ ލިބުން ލަސްވުމުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ތެޔޮ  އެޅުމުގައި ހުރި ދަތިކަން ކަމަށެވެ. ފެލިވަރުން ނޫން އެހެން ކުންފުންޏަކަށް މަސް ކިރާނަމަ، ތެޔޮ އަޅަން ފައިސާ ބޭނުންވާނެ ކަމަށާއި، ފެލިވަރުގައި ނަމަ، މަސް ކިރައިގެން ލިބޭ ފައިސާއިން ކަނޑާގޮތަށް ތެޔޮ އެޅޭނެ ކަމަށް އޮޑިވެރިޔާ ބުންޏެވެ.

"އެހެންވީމަ ފައިސާ ލިބޭނެ ކަމަށް ދެތިން ދުވަހު މަޑުކޮށްފަ، ކްރެޑިޓަށް ތެޔޮ އަޅައިގެން މި ފުރަނީ،" އޮޑިވެރިޔާ ބުންޏެވެ.

މީގެ އިތުރުން އޮޑިވެރިޔާ ބުނީ، މަސްވެރިކަން މިހާ ދަށް ދުވަސްވަރެއްގައި ފައިސާލިބުން ލަސްވާތީ ހުރިހާ ފަޅުވެރިންވެސް ތިބީ ފައިސާގެ ދަތިކަމުގައި ކަމަށެވެ. އަދި ފައިސާ ޖަމާކުރުން މާ ބޮަޑަށް ލަސްވެއްޖެ ނަމަ އޮޑިވެރިންނަށްވެސް ދަތިތަކާ ކުރިމަތިވާނެކަމަށް އޮޑިވެރިޔާ ބުންޏެވެ.

އެހެންކަމުން މަސްވެރިކަން ދަށް މި ދުވަސްވަރު ހުރިހާ ކުންފުންޏަކުންވެސް ލަސް ނުކޮށް ފައިސާ ޖަމާކޮށްދިނުމަށް އޮޑިވެރިޔާ އެދުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!