މަސްވެރިކަމާއި ގުޅޭ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަފީފް -- ފޮޓޯ/ މަޖިލިސް
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަފީފް -- ފޮޓޯ/ މަޖިލިސް

ކުޑަހުވަދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން އުޅެނީ އުސޫލާ ހިލާފަށް: ސެމްބެ

ކުޑަހުވަދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން އުޅެނީ އުސޫލާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރައްވަމުންނެވެ. ސެމްބެ ވަނީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ކޮން ރަށެއްގައިތޯ މިނިސްޓަރު އަރިހުން އައްސަވާފައެވެ.

ޖަވާބަކަށް މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަ ކުރާނެ ވަކި ރަށެއް ސަރުކާރުން އަދިއެއް ކަނޑަ ނާޅާކަމަށެވެ. އެދުވަސް ފާހަގަކުރަން ވަކި ރަށެއް ކަނޑައެޅުމުން އެކަން އެނގޭނެ ކަމަށާއި މިހާރު އުޅެނީ އެކަމުގެ ޕްރޮސެސްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ސެމްބެ ވަނީ، ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި، ކުޑަހުވަދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ.

"ކުޑަހުވަދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމަވާފަ ވަނީ. އަދި އޭގެ އިތުރުން، ޕޮއިންޓް ލިބުނު އުސޫލަށް ބަލާއިރު، ފަރެސްމާތޮޑާއަށް އެންމެ ގިނަ ޕޮއިންޓް ލިބިފަ ވާއިރު އެއީ ޕީޕީއެމް ރަށެކޭ ބުނެ، އެރަށުގައި އެކަން ނުބާއްވަން، މިނިސްޓަރު ނިންމަވާފަ އޮތްކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައޮތީ،" ސެމްބެ ވިދާޅުވިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ވަޒީރަކީ އަޅުގަނޑު. އަޅުގަނޑު މި މަގާމުގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ލަފާ އަކަށް އެދި ދަންނަވަންވެފަ އޮތީ، އަޅުގަނޑުމެން ހެދި ދިރާސާތަކަށް ފަހުގަ. ކޮބައިތޯ މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރާނެ ރަށަކީ. އެހެންވީމާ އަޅުގަނޑުމެންނަށް އިނގުމުން ބޭރުގައި ވަކި ރަށެއް ހަމަޖެހިފައިވާކަމަށް އިއްޒަތްތެރި މެމްބަރު ވިދާޅުވާ ވިދާޅުވުމަކީ އޭގަ ހަމަ އެއްވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހެވެ. މިިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ކ. ގާފަރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!