މަސްވެރިކަމާއި ގުޅޭ

ރާއްޖޭގެ މަސްވެެރިކަމުގައި ކުރިން ބޭނުންކުރި ރިޔަލު ބައްތެލި
ރާއްޖޭގެ މަސްވެެރިކަމުގައި ކުރިން ބޭނުންކުރި ރިޔަލު ބައްތެލި

ރިޔަލު ބައްތެލިފަހަރުގައި މަސްވެރިން ކައްކައި ކެއުން: މަސްވެރިންގެ ހިއްވަރު އެނގިގެންދާކަމެއް

1972 ވަނަ އަހަރު ދޯނިފަހަރުގައި އިންޖީނު އެޅުމާ ހަމައަށް ދިވެހިން މަސްވެރިކަން ކުރީ ދިޔަލު ބައްތެލި ފަހަރުގައެވެ. ކުރީ ޒަމާނުގެ މަސްވެރި އުޅަނދުފަހަރުގައި ކެއްކުމަކީ ފަސޭހަކެމެއް ނޫނެވެ. އޮޑިފަހަރު ކުޑަ ވުމުން ކައްކާނެ ޖާގައެއްވެސް ނޯވެއެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކުގެ އޮޑިފަހަރުގައި އޭރު ކެއްކޭނެ އެއްވެސް ގޮތެއް ނުހުރެއެވެ. މަހަށް ދަނީ ގެއިން ކައްކައިގެން ކާއެއްޗެހި ހިފައިގެންނެވެ. މިގޮތަށް ކައްކައިގެން ގެންދާ އެއްޗެއް ކިޔަނީ "ބަތްދަޅު" އެވެ. އޭގެތެރޭގައި އޮންނަނީ ފޮނިބޯކިބާއެއް ކަހަލަ އެއްޗެކެވެ. އޭގެން މުޅި ދުވަހު ފުއްދަން ޖެހެއެވެ. ބައެއް އޮޑިވެރިން ދިޔާހަކުރާ ގަބުޅިއާ ދޯންޏަށް އަރުވާފައި ހުރެއެވެ. ދިޔާހަކުރާ ގަބުޅިއަކީ އޭރު ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ކެއުމެކެވެ. ދޯނިފަހަރުގައި އިންޖީނުއެޅިތާ ކުރީކޮޅު ދޯންޏަށް ޑަބިޔަލެއް ކަހަލަ އެއްޗެއް އަރުވައިގެން އެޑަބިޔާގެ އެއްފަރާތް ކަނޑައިގެން އޭގެ ތެރޭގައި ކުޑަ އުނދުނެއް ހަދައިގެން ކައްކަން ފެށިއެވެ. އޭރު ދޯނިފަހަރުގައި ހިޔާވާން ގެއެއް ނުހުންނާތީ ވިއްސާރަވެ ނުވަތަ ވައިގަދަ ވެއްޖެނަމަ މި އުނދުނުގައިވެސް ނުކެއްކޭނެއެވެ. މިއީ ރާއްޖޭގެ އިތުރާއި މެދުރާއްޖެތެރޭގައި މަސްވެރިން ކަން ކުރަމުން އައި ގޮތެވެ.

ނަމަވެސް މަސްވެރިކަމުން އެންމެ ކުރިއަރާފައިވާ ހުވަދު އަތޮޅު މީހުން އޭރުވެސް މިކަން ކުރަނީ ތަފާތު ގޮތަކަށެވެ. ބައްތެލި ފަހަރުގައި، ރިޔަލާނެގި ދޯނި ފަހަރުގައި ކެއްކުމަށް ޚާއްސަ ފަޅުވެރިއަކު ހުރެއެވެ. ދޯނި ހެދުނު ހެދުނާ އެންދަމަން ފުރުމުން، ކެއްކުމަށް އައްޔަން ކޮށްފައިވާ ފަޅުވެރިއާ ދަނީ އޮޑިވެރިމީހާ ގެ ގެއަށެވެ. އަދި ކެއްކުމަށް ބޭނުންވާ ހަނޑުލާއި ކާށި ނަގައެވެ. އާންމުކޮށް 6-8 ކާއްޓާއި، ކިލޯއެއްހާ ހަނޑުލެވެ. ބަތް ކެއްކުމުގައި ކާށި ހުނި ގިނައިން އަޅާފައި، ބަތް ކައްކައެވެ. އަދި ރިހާކުރު ތައްޓެއް ތައްޔާރުކުރެއެވެ. އެ ރިހާކުރު ތަށީގައި އޮންނަނީ 3 މަސް ގުޅައެވެ. ފަޅުވެރިއާ ހުންނާނީ އެންދަމައިގެން ދޯނި އަންނަންދެން ތައްޔާރުވެގެންނެވެ. އެންދަމައިގެން ދޯނި އަންނައިރު، ރަށުގައި ހުންނަ ފަޅުވެރިއާއަށް އެގޭނެހެން ދޯނީގައި ދިދައެއް ކަހަލަ އެއްޗެެއް ނަގާފައި ހުރެއެވެ. ފަޅުވެރިއާއަށް ދޯނި ފެނުމުން، ބޮއްކުރާއަކުން ގޮސް ދޯންޏަށް ކާއެއްޗެހި އަރުވާނެއެވެ.

ކާއެތިކޮޅު ބަހަނީ ހުރިހާ ފަޅުވެރިންނަށް ހަމައަށެވެ. ކޮންމެ ފަޅުވެރިއަކަށްވެސް ބޭނުންވާ ބަތްކޮޅު ނަގައިދެނީ ނާއްޓަކުންނެވެ. ކާނެ ތައްޓެއް ނުހުރެއެވެ. އެހެންކަމުން ދޯނީގެ ތައްޓުމަތީގެ ޚާއްސަ ސަރަހައްދެއް ހުންނަނީ ދޮވެ ސާފްކޮށްފައެވެ. ކޮންމެ ފަޅުވެރިއަކަށްވެސް ބޭނުންވާ ބައި އަޅަނީ ފިލާގަނޑުގެ މައްޗަށެވެ. އެއަށްފަހު ރިހާކުރުކޮޅުވެސް އެންމެންނަށް ބަހާލައިގެން ކަނީއެވެ. އެއީ މުޅި ދުވާލުގެ ކެއުމެވެ. ކަނޑަށް ނުކުމެގެން ދާއިރު ހުރިހާ ފަޅުވެރިންތިބޭނީ އެންމެ އެކީ ކެއުމަށެވެ.

ނޯޓް: މިއީ 1980ގެ ކުރީކުޅުގައި މަހަށްދިޔަ މަސްވެރިއެއްގެ ތަޖުރިބާއެވެ. އަކި ރަށްރަށުގައި މަސްވެރިން ކެއުމުގެ އިންތިޒާމް ހަމަޖައްސާނީ ތަފާތުކޮށެވެ. 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!