މަސްވެރިކަމާއި ގުޅޭ

F01Fg1laEAEzt0q

ތިނަދޫ އަދި ކޫއްޑޫގައި މަސްވެރިކަމުގެ ފެސިލިޓީތަކެއް ހަދަން ހަވާލުކޮށްފި

ގއ. ކޫއްޑު އާއި ގދ. ތިނަދޫގައި އަލަށް ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިފްކޯގެ ޙިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފްކޯއިން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫގައި އަލަށް ހަދާ ބްރައިން ފްރީޒިން އިމާރާތުގެ ފައުންޑޭޝަނުގެ މަސައްކަތާއި ބްރައިން ޓެންކުގެ ކޮންކްރީޓު މަސައްކަތާއި 50 ރީފާ ކޮންޓެއިނާގެ ކޮންޓެއިނާ ޔާޑެއް ހެދުމުގެ މަސައްކަތެވެ. އޭގެ އިތުރުން ކޫއްޑޫގައި މިފްކޯގެ މަދާ ވެސަލްތައް ގާތްކުރުމަށް ބޭނުންވާ އަންލޯޑިން ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.

ގދ. ތިނަދޫގައި ހިންގަން ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެ ތަނުގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި ބްރައިން ޓޭންކުގެ ކޮންކްރީޓު މަސައްކަތާއި އެ ތަނުގައި ހެދުމަށް ހަމަޖެހިފައިވާ އިތުރު ފެސިލިޓީތަކުގެ ފައުންޑޭޝަނުގެ މަސައްކަތެވެ. އަދި އެ ރަށުގެ ބަނދަރުން ބައެއް ކޮންކްރީޓް ޕޭވްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

މިފްކޯއިން ހާމަކުރާގޮތުގައި، މަސްވެރިކަމުގެ މޫސުމުގައި މަސްގަތުމަށް މިހާރުހުރި ދަތިތަކަށް އެ ފެސިލިޓީއާ އެކު ހައްލު ލިބޭނެއެވެ. އެ ތަންތަނުގެ ސަބަބުން މަސްކިރުމަށް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ވެސް މަދުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!