މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަސް

ކަޅުބިލަމަސް

ކަޅުބިލަމަހަކީ ދޮށީގެ މަސްވެރިކަމުގައި ރާއްޖެއަށް އެންމެ ގިނައިން ބާނާމަހެވެ. މިއީ ރާއްޖޭގެ އެންމެން ދަންނަ ކަނޑުމަހުގެ ބާވަތެކެވެ.

ކަޅުބިލަ މަހަކީ ކަނޑުގެ މަތީބައިގައި އައިން ހަދައިގެން ދަތުރުކުރާ މަހެކެވެ. މިގޮތަށް އައިން ހަދައިގެން މަސް ދަތުރުކުރާއިރު އެއްއައިނެއްގެ ތެރޭގައި އާންމުކޮށް ގިނައިން އުޅެނީ އެއްސައިޒެއްގެ މަހެވެ. ނަމަވެސް ބައެއްފަހަރު އެކިސައިޒް އަދި ތަފާތު ކަނޑުމަހުގެ ވައްތަރުތަކުން އެކުލެވޭ އައިންވެސް ހުރެއެވެ. މިގޮތުން ކުދި ރީދޫއުރަހަ ކަންނެލި، ލައްޓި އަދި ރާގޮނޑި ކަޅުބިލަމަހާއެކު އައިންހަދައިގެން ތިލަވެއުޅެއެވެ.

މިމަސް ޢާންމުގޮތެއްގައި އުޅެނީ ފެނުގެ ފިނިހޫނުމިން 20 ޑިގްރީ ން 29 ޑިގްރީ ސެންޓިގްރޭޑްއާއި ދެމެދަށް ހުންނަ ހިސާބުތަކުގައެވެ. މަހުގެ ޢާންމު ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕާ، ބޯވަދިލަމަހެވެ. މިމަސް އެންމެ ބޮޑުވަނީ 1.08 މީޓަރަށެވެ.

ކަޅުބިލަހުގެ ބަނޑުދޮށުގައި ކަޅުކުލައެއްގެ ރޮނގުތަކެއް މަހުގެދިގަށް ދެމިފައިހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިހުދުކުލައެވެ.

އިހުގެ ދިވެހިން ކަޅުބިލަމަހުގެތެރޭން އެމީހުން ފާހަގަކުރާ ބައެއް މަސްމަހަށް މާބިލަމަސް، ގުންބިލަމަސް، ރަންދިމަސް، ދިއްބޯމަސް، މިނަންތައް ކިޔާފައިހުރެއެވެ. އަދި ޢާންމު ނަމެއްގެ ގޮތުން ކަނޑުމަސް ކިޔާ އުޅެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Skipjack tuna

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!