މަސްވެރިކަމާއި ގުޅޭ

ލޯބޮޑު ކަންނެލި - ފޮޓޯ: އޮސްޓްރޭލިއަން ފިޝަރީޒް މެނޭޖްމަންޓް އޮތޯރިޓީ

ލޯބޮޑު ކަންނެލި

ލޯބޮޑުކަންނެއްޔަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ބޮޑުވާ މަހެކެވެ.

މިއީ ހޫނުކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ރީނދޫއުރަހަ ކަންނެއްޔާ އުޅުމުންނާއި ބައްޓަމުން ވަރަށް އެއްގޮތް ކަންނެއްޔެކެވެ. ޚާއްސަކޮށް މިދެބާވަތް ޅައިރު އޭގެ ބޭރުފުށުން ފެންނަ ފާހަގަތަކަށް ބަލައިގެން ވަކިކުރުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މިދެބާވަތުގެ ބޮޑެތިމަސް ވަކިކުރަން ފަސޭހައެވެ. ސަބަބަކީ ރީނދޫއުރަހަ ކަންނެލީގެ ބުރަކަކަށިމަތީގެ ދެވަނަ ކޮތަރިއާއި ބަނޑުދަށްފަރާތު ކޮތަރިބައި ލޯބޮޑުކަންނެއްޔަށްވުރެ ދިގުވާނެތީއެވެ. އަދި ލޯބޮޑުކަންނެލީގެ ހަށިގަނޑު ފަލަވެފައިވާ ނިސްބަތުން ލޯބޮޑުކަމަށް ދައްކާނެތީއެވެ.

މިމަސް އެންމެ ބޮޑުވާކަމަށް ވަނީ 2.1 މީޓަރަށެވެ.

ލޯބޮޑުކަންނެލީގެ ކުދިމަސް ރީނދޫއުރަހަ ކަންނެއްޔާއެކު އެއްއިސްކޮޅުން އައިން ހަދައިގެން އުޅެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުން ބައެއް މޫސުމުގައި ލޯބޮޑުކަންނެލި ބޭނޭކަމަށް ވެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކޮތަރިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ. މިމަހުގެ ކާނާއަކީ މަހާ، ބޮވާދިލަމަހާ، ކަކުނި ފާޑުގެ ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Bigeye tuna

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!