މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަސް

ކަޅުބިލަމަސް އެނގެނީ ކިހާވަރަކަށް؟

ކަޅުބިލަމަހަކީ ކަނޑުގެ މަތީފަށަލައިގައި އައިން ހަދައިގެން އުޅޭ، ދުރު ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަހެކެވެ. މިގޮތަށް އައިން ހަދައިގެން ދަތުރުކުރާއިރު، އޭގެ އައިނު ގެ ތެރޭގައި ބައެއްފަހަރު ކުދި ރީނދޫއުރަހަ ކަންނެލި،ލައްޓި އަދި ރާގޮނޑި އެކުލެވެއެވެ. މި މަސް އާންމު ގޮތެއްގައި އުޅެނީ ލޮނުގަނޑުގެ ފިނިހޫނުމިން 7.14 އާއި 30 ޑިގްރީ ސެލްސިއަސް އާ ދެމެދުގައި ހުންނަ ހިސާބުތަކުގައެވެ. ކަޅުބިލަމަސް ދުވާލުގެ ވަގުތުގައި އާންމުކޮށް އުޅެނީ ކަނޑުގެ ސަޠުޙު ފެށިގެން 260 މީޓަރާއި ދެމެދުގެ ފުންމިނުގައި ނަމަވެސް، މި ބާވަތް ރޭގަނޑު ބޮޑަށް އުޅެނީ ކަނޑުގެ ސަޠުޙު ކައިރީގައެވެ.

ކަޅުބިލަމަސް އާންމު ގޮތެއްގައި ޝިކާރަކުރާ ކަމަށް ރިކޯޑުކުރެވިފައިވަނީ އިރުއަރާ ގަޑީގައްޔާއި ހަވީރުގެ ވަގުތުތަކުގައެވެ. މި ބާވަތުގެ މަހަކީ ވަކި ބާވަތަކަށް ޝިކާރަކޮށްގެން ކެއުމުގެ ބަދަލުގައި އެއިރަކު އެ ސަރަޙައްދަކުން އެންމެ ފަސޭހައިން ލިބެން ހުންނަ ބާވަތެއް ޝިކާރަކޮށް ކައިއުޅޭ މަހެކެވެ. މިގޮތުން ކަޅުބިލަމަހުގެ ކާނާގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ ކުދި މަހާއި، ކަކުނި ފާޑުގެ މައިކަށިނެތް ބާވަތްތައް އަދި ބޯވަދިލަމަހެވެ.

ކަޅުބިލަމަސް ވިހާ އުމުރަށް އަޅާކަމަށް ރިކޯޑުކުރެވިފައިވަނީ، އެވްރެޖްކޮށް 40 ސެންޓީމީޓަރުގެ ދިގުމިނުގައެވެ. މި މަސް އެންމެ ބޮޑުވަނީ 108 ސެންޓިމީޓަރަށެވެ. މި ބޮޑުމިނުގެ މަހެއްގައި 32.5 އާއި 35.5 ކިލޯ އާއި ދެމެދުގެ ބަރުދަނެއް ހުންނަ ކަމަށް ވެއެވެ. ކަޅުބިލަމަހުގެ އެންމެ އާންމު ބޮޑުމިނަކީ 80 ސެންޓިމީޓަރެވެ. މިވަރުގެ މަހެއްގެ ބަރުދަނުގައި 8 ކިލޯއާއި 10 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުރެއެވެ.

ކަޅުބިލަމަހަކީ، ހޫނު ސަރަޙައްދުތަކުގައި، މުޅި އަހަރަށް ދިގުދެމިގެންދާ ގޮތަށް، އެއްފަހަރަށްވުރެ ގިނައިން ބިސް ދޫކުރާ
މަހެކެވެ.

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ ބޮޑުބަޔަކީ 36 އާއި 65 ސެންޓިމީޓަރާ ދެމެދުގެ މަސް ކަމުގައި
މެރިން ރިސާރޗް ސެންޓަރުން (މިހާރުގެ މެރިން ރިސާރޗް އިންސްޓިޓިއުޓް) ރިޕޯޓުކޮށްފައިވެއެވެ (އެމް.އާރ.އެސް، 1996).

ސައިންޓިފިކް ނަން:  Katsuwonus pelamis 
އިނގިރޭސިނަން ނަން: ސްކިޕްޖެކް ޓޫނާ
ދިވެހި ނަން: ކަޅުބިލަ މަސް

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!