މަސްވެރިކަމާއި ގުޅޭ

Kanneli2

ދިވެހިންގެ ލޭނާރުގެ ކޮންޓްރޯލްވެސް ބިދޭސީން ނަގަނީ!

މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ. އެއީ ބަނޑުފުރައި މުއްތިކުރުމަށް މީގެ އެތައް ސަތޭކަ އަހަރަކުން ފެށިގެން މިއަދާ ހަމައަށް ދިވެހިންކުރަމުން އަންނަ މަސައްކަތެވެ. ޖަޒީރާ ރަށްތަކުގެ ވަށައިގެންވާ މާސިންގާ ކަނޑުތަކުން ލިބޭ ނިއުމަތުން ހަރަދުބަރަދު ބަލަހައްޓާ އެތައް އާއިލާއެއް ރާއްޖޭގައި އެބައުޅެއެވެ. ރިޔަލު ދޯނިން ކުރި މަސްވެރިކަން އިންޖީނުލީ ދޯންޏަށް ބަދަލުވެ، ދޯނިތައް މިއަދު މިވަނީ ތަރައްގީވެފައެވެ. ކައިރިން މަސް ބޭނި ޒަމާން މާޒީވެ، މިއަދުގެ އޮޑިތަކަކީ، ދުރު ރާސްތާތަކަށް ފައްކާކުރެވިފައިވާ ޒަމާނީ މަސް ދޯނިތަކެވެ.

ރާއްޖޭގައި އެތައް ސަތޭކަ މަސް ދޯންޏެއް އޮތްއިރު، އެންމެ ގިނަ ބަޔަކު ކޮށް އުޅެނީ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަމަހުގެ މަސްވެރިކަމެވެ. އެވްރެޖުކޮށް ކަޑުމަހުގެ މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން 20-25 އާ ދެމެދުގެ އަދަދަކަށް މީހުން މަހަށް ދެއެވެ. ނަމަވެސް މަސްވެރި ސިނާއަތަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ސިނާއަތަށް ބިދޭސީން އަތްގަދަކުރާ ކަމެވެ. ބިދޭސީއެއް މަހަށް ނުދާ ދޯންޏެއް ރާއްޖޭގައި މަދެވެ. ބައެއް މަސް ދޯނިތަކުގެ މެޖޯރިޓީއަކީވެސް ބިދޭސީންނެވެ. މިކަން މިހެންވާން ޖެހޭ މައިގަނޑު ސަބަބަކީ މަސްވެރިންނަށް ހަމަ އަގު ލިބުމުގައި ހުރި ދަތިތަކާއި މަސްވެރިކަން ދަށް ދުވަސްވަރުތައް އަހަރުގެ އެކި ދުވަސްވަރު އަންނާތީ މަސްވެރިކަމަށް ނުކުންނަން ބޭނުންވާ ޒުވާނުން މަދުކަމުންނެވެ. (އަހަރުގެ އެންމެ ގިނައިން މަސްބޭނޭ ދުވަސް ވަރެއްގައި މަސްކިރުން ލިމިޓްކޮށް ލިބޭ އާމްދަނީ ދަށްވުން) ނުވަތަ އެކަމަށް ބަރޯސާވެގެން ހުންނަން ގިނަ ބަޔަކު ބޭނުން ނުވުމެވެ.

ރާއްޖޭގައި، ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު، އޭގެ ތެރެއިން 60،000-80،000 މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންނެވެ. އެފަދަ ގިނަ ބަޔަކުވެސް އާމްދަނީ ހޯދުމަށް ކުރާ ކަމަކީ ކޮންމެވެސް ދޯންޏަކުން މަހަށް ދިއުމެވެ. ބައެއް ދޯނިތަކުން ދިވެއްސަކަށް ދޭ ވަރު (ބައި) ބިދޭސީ މީހާއަށްވެސް ދެއެވެ.

މަސް ދޯނިތަކުގައި ބިދޭސީން ގިނަވެފައިވާއިރު، ސީދާ މަސްވެރިކަން ކުރުމަށް ބިދޭސީން ގެންގުޅުމަކީ ރާއްޖޭގެ ގާނޫނުން މަނާ ކަމެކެވެ.
ސަރުކާރުގެ 30 ނޮވެމްބަރު 2022 ގައި ގެޒެޓުގައި ޝާއިއުކުރި، "ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވައިދު" ގައި ވަނީ އެކި ސައިޒުތަކުގެ މަސްދޯނިތަކުގައި ބިދޭސީން ގެންގެޅެވޭނެ އަދަދުތަކާއި މަސްދޯނިތައް ރަޖިސްޓްރީކުރުމުގައި ގިންތިކުރުމާއި އެ ގިންތިތަކަށް ނަގާ ލައިސެންސް ފީގެ އަދަދުތައް ހިމަނައިފައެވެ. އެއީ:

  • 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރު - ގިނަވެގެން ހަތަރު ބިދޭސީންަ
    24-15 މީޓަރުގެ އުޅަނދުފަހަރު - ގިނަވެގެން ހަ ބިދޭސީން
    24 މީޓަރަށް ވުރެ ބޮޑެތި އުޅަނދުފަހަރު - ގިނަވެގެން އަށް ބިދޭސީން

އިސްލާހުގައިވާ ގޮތުގައި މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. ނަމަވެސް އެ އުޅަނދެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތަކަށް ބިދޭސީން ބޭނުން ކުރެވޭނެއެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާއަށް ވަންނަ ދިވެހިން އިތުރުކޮށް އެ ދާއިރާއަށް މީހުން ލޯބި ޖެއްސުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަސް ގަންނަ އަގު މަތިކޮށް މަސްވެރިންނަށް ލިބޭ ނަފާ ބޮޑުކުރުމެވެ.

މިދިޔަ ސަރުކާރުން މަސްވެރިންނަށް ހަމައަގު ދޭނަމޭ ބުނެ، މަހުގެ އަގު ދަށްކުރުމުން މަސްވެރިކަމުން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ޒުވާނުން މަސްވެރިކަމާ ފެޔަށް ޖެހުނެވެ. ދައުރު ނިމެން ކައިރިވެފައިވަނިކޮށް މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކޮށް، ޑރ މުއިއްޒު ސަރުކާރާ ހަވާލުވިއިރު، 200 މިލިއަން ރުފިޔާއިން މިފްކޯވަނީ ދަރުވާލާފައެވެ.

މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހައި ޒުވާނުން މި ދާއިރާއަށް ނެރެން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. މިފްކޯއާއި އެހެން މަސްކުންފުނިތަކަކީ މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކިރާ މަސްކޮޅަށް ފައިސާދެވޭ ކުންފުނިތަކަށް ބަދަލުކުރަން ޖެހެއެވެ. ބިދޭސީން މަދުކޮށް ދިވެހިންގެ މަސްވެރިކަމަށް ދިވެހި ޒުވާނުން ނެރުމަށް ބުރަމަސައްކަތްތަކެއް ކުރަން ޖެހޭއިރު، އެކަމުގެ ޒިންމާ އެޅިފައިވަނީ އަދުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ ކޮނޑުފުޅުގައެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެއްވެސް މެއެވެ.

މިނިސްޓަރު ޝިޔާމްގެ ޓީމަކީ ގާބިލް ޓީމެކެވެ. އެ ޓީމުގައި ދާއިރާގެ ތަޖުރިބާކާރުންވެސް ގިނައެވެ. އުންމީދަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި ބިދޭސީން މަސްވެރިކަމުގެ ސިނާއަތަށް އަތްގަދަކުރުން ނިމުމަކަށް އައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!