މަސްވެރިކަމާއި ގުޅޭ

IMG_5870

މަސްވެރިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ވަގުތާއި އެއްބާރުލުން ދޭންޖެހޭ!

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބު ހޯދުނު ސަރުކާރެއް ފާއިތުވި މާޒީގައި ފެނިފައެއް ނުވެއެވެ. ކޮންމެ ސަރުކާރެއް ވެސް ފަސް އަހަރަށް ފައިނަގާއިރު، މަސްވެރިކަމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރީތި އިބާރާތްތަކުން ގަތާލެވިފައިވާ ވައުދު ފައްޗެއް އޮވެއެވެ. ވައުދުތައް ކިޔާލާމީހާ ޖަޒުބާތުގައި ޖެހިގެންދާހާ ވެސް އެ ވައުދުތައް ފުރިހަމައެވެ.

މިގޮތުން، ފާއިތުވި ފަސްއަހަރަށް އެމްޑީޕީ ސަރުކާރުން އަތުކުރި އޮޅާލައި ނުކުތްއިރު މަސްވެރިކަމަށް ގެނައި ވައުދުނާމާ ވެސް އެހާމެ ރީތިވެފައި ފުރިހަމައެވެ.

ބާނާ މަހަށް ހަމައަގު ހޯދައި ދިނުމާއި، ގޭދޮށު މަސްފެކްޓަރީއާއި، ދަތިކަމެއްނެތި މުޅިރާއްޖެއަށް އައިސްލިބޭނެ އިންތިޒާމާއި، ދޯނިތަކުގެ ވަތްތައް ފިނިކުރެވޭނޭ އިންތިޒާމް ހަމަޖައްސައި މަސް ރައްކާ ކުރެވޭނޭގޮތް ހެދުމާއި، ކިރުވާ މަހަށް ލަސްނުކޮށް ހަމައަގު ދިނުމާއި، ބޭރުގެ ކުންފުނިތަކުން ސީދާ ރާއްޖެ އައިސް، ރާއްޖޭގެ މަސްވެރިންގެ އަތުން މަސްގަތުމުގެ އިންތިޒާމް ހަމަޖެއްސުން ފަދަ ވައުދުތައް ހިމެނެއެވެ. ސުވާލަކީ، ހުރިހާ ބާރެއް ލިބި އޮވެމެ ފަސް އަހަރުތެރޭގައި މިކަންކަން އެއްވެސް ވަރަކަށް ހާސިލްވިތޯއެވެ؟ ފުއްދުނު ތޯއެވެ؟

ވައުދުތައް ސަޅި ނަމަވެސް ފެނުނީ ވައުދުތައް ފުއްދުމުގައި ފެއިލްވި މަންޒަރެވެ. ފެނުނީ ބާނާ މަހަށް ހަމައަގު ނުދެވުނު ތަނުގައި ނުއަގުގައި ނަމަވެސް މަސް ނުކިރިގެން ދޯނިތައް ކިޔުޖެހި އެތައް ދުވަހެއް ފާއިތުވެ މަސްވެރިން ހައްގު ހޯދުމަށް މުޒާހަރާ ކުރިތަނެވެ. އައިސް ލިބޭނޭ އިންތިޒާމް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަމަނުޖެއްސުނުއިރު، އެ ހިދުމަތް ފޯރުކޮށްދޭ މަދުތަންތަނުން އެކަށީގެންވާވަރާއި ގާތަށް ވެސް އައިސް ނުލިބުމެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހިދުމަތް އެއްގޮތަކަށް ވެސް ނުލިބުމެވެ.

ގޭދޮށު މަސްފެކްޓަރީއަކީ ކޮން އުސޫލަކުން ކިހިނެތް ހިނގާ ކަމެއްކަން ދަންނަ މީހެއް ނެތްތާގައި އެކަމުން ނަފާވީ އެއްވެސް ބަޔަކު ފެންނާކަަށް ނެތެވެ. އަދި ރާއްޖެއިން ބޭރުން މަސްގަންނަ ކުންފުނިތަކުން މަސްވެރިންގެ ގާތަށް އަންނަން ބުނި ބޯޓުތައް ސަރުކާރު ވެއްޓިގެން ދިޔައިރު ވެސް ރާއްޖެއަކަށް ނުފޯރިއެވެ.

އޭގެ އިތުރުން، އާއްމުންގެ ކުދި ބަދިގެތަކުގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމުގައިވެސް މިދިޔަ ސަރުކާރުން ފެއިލްވިއެވެ. އެ އުފެއްދުންތައް އުފައްދާ ފަރާތްތަކުން އަދިވެސް އެތިބީ އެ ތަކެއްޗަށް މާކެޓްލިބި ރަނގަޅު ނަފާއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ދެން އޮތީ ފާއިތުވި ފަސްމަހެއްހާ ދުވަހަށް ބަލައި ސަރުކާރަށް އެއްބާރުލުން ދިނުމާއި މެދު ގޮތެއް ނިންމުމެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ފާއިތުވި މަދު ދުވަސްކޮޅުތެރޭ ވަނީ މަސްވެރިކަމަށް، ފާއިތުވި އެތައް އަހަރަކުން ނުގެނެވޭވަރުގެ އުންމީދީ ބަދަލުތަކާއި ކަންކަން ތައާރަފް ކޮށްފައެވެ.

މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުންފުންޏެއް އުފައްދައި އެ މަސައްކަތް ވަނީ ފަށާފައެވެ. މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްފަށައި މަސްވެރިކަމަކީ އަދި މަސްވެރިންނަކީ ގަދަރުވެރި ބަޔަކަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެއިތުރުން ކޮލެޖް ޔުނިވާސިޓީ ލެވެލްގައި މަސްވެރިކަން ކިޔަވައިދޭން ނިންމައި އެ މަސައްކަތް ވަނީ ފަށާފައެވެ. އެއީ ކުރިއަށް އޮތް ޖީލުތައް މަސްވެރިކަމަށް ލޯހުޅުވި ސިނާއަތުގެ އިންޖީނުން އުފައްދާ ހަކަތަ އެތައް ގުނައަކަށް ވަރުގަދަވެގެންދާނެ ސަބަބެކެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ވެސް މި ސަރުކާރުން މިވީ މަދު ދުވަސްކޮޅުގެ ތެރޭ ވަނީ އުންމީދީ ނަތީޖާއެއް ނެރެފައެވެ. އިންތިހާބެއް ބޯމަތިވެގެން އަންނައިރު ގޮތް ނިންމުމުގައި މަސްވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ އާއިލާތަކުން މިކަންކަމާއި ފުންކޮށް ވިސްނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.