މަސްވެރިކަމާއި ގުޅޭ

President ibu

ފާއިތުވި ފަސްއަހަރު މަސްވެރިންނަށް ވީ އެންމެ ވައުދެއްވެސް ނުފުއްދޭ!

މަސްވެރިކަން، މިއަދު ރާއްޖޭގައި އެއްވަނައިގައި ރޭންކް ނުކުރެވުނު ނަމަވެސް، މި ސިނާއަތަކީ ދިވެހީންގެ ވަރަށް ގިނަ އާއިލާތަކާއި ގުޅިފައިވާ ދިގު ތާރީހެއް އޮތް ސިނާއަތެކެވެ. ރާއްޖޭގެ އެތައް އާއިލާއެއްގެ އާމްދަނީ ސީދާގޮތުން މަސްވެރިކަމާއި ވަނީ ގުޅިލާމެހިފައެވެ. މީގެއިތުރުން ދިވެހީންގެ ކެއުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބާވަތަކީ ވެސް މަހެވެ.

ފާއިތުވި 20 ވަރަކަށް އަހަރުގެތެރޭ މަސްދޯނިތަކަށް އަހިސްފައިވާ ކުރިއެރުމާއި، މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކަށް އަހިސްފައިވާ ޒަމާނީ ހެޔޮ ބަދަލުތަކުން ދައްކުވައިދެނީ ދިވެހީންގެ ހިތުގައި މި މަސައްކަތަށް އޮތް ލޯބިކަން ޔަގީނެވެ. ބާނާ މަހަށް ހަމައަގު ނުލިބުނު ނަމަވެސް ބޮޑެތި ލޯނުތައް ނަގައިގެން ސިނާއަތް ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިޔުމަށް މަސްވެރިން ކޮށްފައިވާ މަސައްކަތުން އެ މީހުންގެ ހިތުގައި މި ސިނާއަތަށް އޮތް ގަދަރު ފެނިގެންދެއެވެ.

ސުވާލަކީ ސަރުކާރުތަކުން މަސްވެރިކަން ކުރިއެރުވުމަށް ނުވަތަ އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހަގީގީ މާނައިގައި މަސައްކަތް ކޮށްފައިވޭތޯއެވެ؟

ކަންވެފައި އޮތްގޮތް ބަލައިލުމަށް ހަމައެކަނި ފާއިތުވީ ފަސް އަހަރުގެ ނަތީޖާ ފުދެއެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރު ވެސް އިންތިހާބާއި ކުރިމަތިލީ މަސްވެރިކަމުގައި ހުރި މައްސަލަތައް ހައްލުކޮށް މަސްވެރިންނަށް ހަމައަގު ހޯދައިދިނުމުގެ އިތުރުން ދުލަށް ފަސޭހަ އިބާރާތްތަކުން ލިޔެފައިވާ ވައުދު ތަކަކައިގެންނެވެ.

ވައުދުތަކުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމާއި، މަސްވެރިން ބާނާ މަސްކޮޅު އުކާލަން ނުޖެހި ކިރޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި، ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ވަތުގައި މަސްފިނިކޮށް ބެހެއްޓޭނެ ނިޒާމު ގާއިމުކޮށްދިނުމާއި، ކިރުވާ މަހަށް ވަގުތުން ފައިސާ ދިނުމާއި، ގޭދޮށު މަސް ފެކްޓަރީ ހަދައިދީގެން މަސްވެރިކަމަކީ އާއިލީ މަސައްކަތަކަށް ހަދައި ދިނުމާއި، މަހުގެ އުފެއްދުންތައް ރަށުފެންވަރުގައި އުފައްދައިގެން ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމާއި، ބޭރުގެ ކުންފުނިތަކުން ސީދާ ރާއްޖެ އަހިސް، ރާއްޖޭގެ މަސްވެރިންގެ އަތުން މަސްގަތުން ފަދަ ވައުދުތައް ހިމެނެއެވެ.

މި ވައުދުތަކާއި ގުޅޭގޮތުން މަސްވެރި އޮންލައިންނާއި ވާހަކަ ދައްކަމުން ހައްދުންމަތީ މަސްވެރިއަކު ބުނީ، ފާއިތުވި ފަސް އަހަރަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް އިހުމާލުވީ ފަސް އަހަރު ކަމަށެވެ. ހަމަ އަގު ހޯދައިދިނުމުގެ ބަދަލުގައި މަހުގެ އަގުވައްޓާލައި މަސްވެރިން ބިކަކޮށްލި ދަނޑިވަޅަކީ ރިސޯޓްތަކުގެ މުސާރަތައް ބޮޑުކުރި ވަގުތަށް ވުމުން މަސްވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރިކަމަށެވެ. ޒުވާނުންގެ ފޯކަސް ރިސޯޓްތަކާއި ދިމާއަށް ބަދަލުވެ، މަސްވެރިކަމުގައި އުޅުނު ޒުވާނުންގެ ތެރެއިން ގިނަބަޔަކު ރިސޯޓުތަކަށް ދިޔުމުން ވެސް މަސްވެރިކަމަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ ކަމަށެވެ. އިންތިހާބަށް ދެތިން ދުވަހަށްވީތަނާ މަސްގަންނަ އަގު ކުއްލިއަކަށް ބޮޑުތަނުން ބޮޑުކޮށްލި ނަމަވެސް މަސްވެރިންގެ ލޮލުގައި އަނދުން ނޭޅުވޭނެކަން އިންތިހާބުގެ ވޯޓުން ފެނިގެންދިޔަ ކަމަށް އެ މަސްވެރިޔާ ބުންޏެވެ.

އެއްވެސް ވައުދެއް ނުފުއްދުނުކަން ފާހަގަކުރަމުން އޭނާ ބުނީ ގޭދޮށު މަސްފެކްޓަރީއެއް އަދި ބޭރުން މަސްގަންނަން މަސްވެރިން ކައިރިއަށް އައި ބޯޓެއް އެއްވެސް މަސްވެރިއެއްގެ ލޮލަށް ނުފެންނަ ކަމަށާއި މަސްވެރިކަމުގެ އުފެއްދުންތަކަށް ހޯދައިދެވުނު މާކެޓެއް ވެސް ނެތްކަމަށެވެ. ހާލަތު ދުވަހުން ދުވަހަށް ދިޔައީ ދަށަށް ކަމަށާއި އެކަމުގެ ނިކަމެތިކަން މަސްވެރި އާއިލާތަކަށް ވަރަށް ބޮޑަށް ކުރިކަމަށް އޭނާ ބުނެއެވެ.

އޭނާ އިތުރަށް މަސްވެރިޔާ ބުނީ، ސަރުކާރުތަކުން އިހުލާސްތެރިކަމާއިއެކު ފާއިތުވި މާޒީގައި މަސްވެރިކަން ކުރިއަރުވަން މަސައްކަތްކުރި ނަމަ މިއަދު ރާއްޖޭގައި އޮންނާނީ ސްމާޓް މަސްވެރިކަމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ކުރު މުއްދަތުގައި ހެޔޮ ބަދަލުތަކެއް ގެނެސްފިކަން ގަބޫލުކުރާ ކަމަށާއި، އެ މަނިކުފާނު ވައުދުވީގޮތަށް ފަސް އަހަރުތެރޭ ކަންތައްތައް ކޮށްދެއްވައިފިނަމަ ދެން އޮންނަ ދައުރަކަށް މަސްވެރިންގެ ތާއިދާއި ލޯބި ލިބިގެންދާނެ ކަމަށެވެ. މަސްވެރިކަމަށް ހައްގުވާ މަގާމު ދިނުމަކީ ހުރިހާ މަސްވެރިންގެ އެދުމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.