މަސްވެރިކަމާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ 28 ވައުދު

ހިނގަމުން މިދާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަދު މަސްތަކެއް ފާއިތުވި އިރު، މަސްވެރިކަމުގެ ސިނާއަތަށް ވެސް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ބައެއް ކަންކަން މިހާ އަވަހަށްވެސް ވަނީ ފަށާފައެވެ.

އަބަދުވެސް ހާމަކަންބޮޑު، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމަށްް ރައީސް އަބަދުވެސް ވިދާޅުވާއިރު، މަސްވެރިކަމުގެ ސިނާއަތަށް ކޮށްދެއްވާ ކަންކަން މަސްވެރި ވުޒާރާގެ އެކްސްގައި ދަނީ އަދާހަމަ ކުރަމުންނެވެ. ނަމަވެސް، މަސްވެރިންނަށްވީ ވައުދުތައް ފުއްދަވާކަން މަސްވެރިންނަށްވެސް އެނގޭނީ، އެ ވައުދުތަކަކީ ކޮބައިކަން ހަނދާނުގައި ބަހައްޓާނަމައެވެ.

ފަސް އަހަރުގެ މި ވެރިކަމުގައި މަސްވެރިން ތިބީ ސަރުކާރަށް މަޖިލިސް ސުޕަ މެޖޯރިޓީ ދީގެންނެވެ. މި މުއްދަތުގައި މި ސިނާއަތަށް އާރޯކަން އަންނާނެ ކަމުގެ ފޮނި އުންމީދުގައެވެ.

މި ސަރުކާރުން މަަސްވެރިންނަށްވީ 28 ވައުދު:-

  1. މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  2. މަސްވެރިންގެ ކޯޕަރެޓިވް ސޮސައިޓީއެއް އުފައްދާ، އެ ކުންފުންޏަށް މިފްކޯއިން ހިއްސާއެއް ކަނޑައަޅާ، އެ ކުންފުންޏަކީ މަސްވެރީން ތަމްސީލު ކުރާ ހިއްސާދާރުންގެ ގޮތުގައި މިފްކޯގެ ބޯޑުގައި ހިމެނޭ ބައެއްގެ ގޮތުގައި އެކަށައަޅާ، އެކޯޕަރެޓިވް މެދުވެރިކޮށް މިފްކޯ ހިންގުމުގައި މަސްވެރިންގެ ސީދާ އަޑު ބޯޑަށް ފޯރުކޮށްދީ، މިފްކޯގެ ހިއްސާ މަސްވެރީންނަށް ލިބޭނެ ނިޒާމެއް ގާއިމުކޮށް، ކޯޕަރެޓިވްގެ ލަފަޔާ އެއްގޮތަށް މަސްވެރީން ކިރާ މަހުގެ އަގު ޑޮަލަރުން ދެވޭނެ ފަދަ ގޮތަކަށް ނިޒާމު އިސްލާހު ކުރުމާ ދިމާއަށް އަމާޒު ހިފުން
  3. ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުން
  4. މަސްވެރިކަމަކީ ވަޒީފާއެއް ކަމުގައި އެކަށައަޅައި، ބޭންކިންގެ ކްރެޑިޓް ރޭޓިންގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުން ފަދަ އިތުރު ހިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުސަތު ހުޅުވާލުން
  5. މަހުގެ ވިޔަފާރި ކުރާނެ ގޮޅިތަކަކަާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހަކާއި، ރެސްޓޯރެންޓް އަދި ކެފޭތަކާ، މަސްވެރިކަމާ ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތް ދޭ ވިޔަފާރި ކުރާ ތަންތަނާ، ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ސަރަހައްދުތައް ހިމެނޭ ގޮތަށް، ސްޕޯޓްސް ފިޝިންގް ހާބަރެއް ގާއިމު ކުރުން
  6. ޗައިނާ އަދި ހޮންކޮންގް އާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރެއިން މަސް ބޭރުކުރަން ފެށުމާއެކު، އެފަދަ ބޮޑެތި އެހެން މާކެޓުތަައް ފާހަގަކޮށް، އިތުރު އެއްބަސްވުންތައް ގާއިމު ކުރުން
  7. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް ރިޢާޔަތްކޮށް، ރާއްޖޭގައި ރޯމަސް ގަންނަ އަގަކީ ކިލޯއަކަށް 20 ރުފިޔާ ކަމުގައި ހަމަޖެއްސުން
  8. އާރްއެސްޑަބްލިޔު ސިިސްޓަމް އޮޑިފަހަރުގައި ހަރުކުރުމަށް ލުއި ލޯނު ދޫކުރުން
  9. ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް އާބަތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ދ. މާދެލީގައި، އެ ސަރަހައްދުގެ މަސްވެރީންގެ ފައިދާއަށްޓަކައި، އާ މަސް ފެކްޓްރީއެއް ގާއިމު ކުރުން
  10. މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ބޮޮޑު ކަންނެލީގެ އަގަކީ 80 ރުފިޔާ ކަމަށާއި، އޭ-ގްރޭޑް ނަމަ 100 ރުފިޔާ ކަމަށް ހަމަޖެއްސުން
  11. ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭ އާ މަސްމާރުކޭޓެއް މާލޭގައި ބިނާކުރުން
  12. ގައުމީ ފެންވަރުގައި، އަގުހުރި އިނާމުތަކެއް ހިމެނޭ ގޮތަށް، މަސްރޭހެއް އަހަރަކު އެއް ފަހަރު ބޭއްވުން
  13. ކޮންމެ އަތޮޅެއްގައި އެ އަތޮޅަކަށް ބޭނުންވާނެ ގަނޑުފެން ލިބޭނެ އައިސް ޕްލާންޓް ގާއިމު ކުރުން
  14. މަސްވެރީންނަށް ބޭނުންވާނެ ތެޔޮ، ބޭސް ރޭޓުގައި، އެސްޓީއޯ މެދުވެރިކޮށް މިފްކޯއިން ވިއްކަން ފެށުން
  15. އެން ކަނދުފަތި އެޅުން ފުޅާ ކުރުމާއެކު، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުން
  16. ހުވަދު އަތޮޅާއި އައްޑޫ ސިޓީގައި ޑީކޮމްޕްރެޝަން ޗޭމްބަރު ބެހެއްޓުން
  17. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސް އައިން ހޯދުމުގެ މަރުކަޒީ ނިޒާމެއް ގާއިމުކޮށް، އޭގެ ފައިދާ މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުން
  18. މަހުން އުފައްދަ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ވިއްކުމަށް، ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރެވިގެން ގާއިމު ކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތައާރަފް ކުރުން
  19. ވަދު ބައްތެލިފަހަރާއި ޑިންގީތަކަށް ހާއްސަކުރެވިގެން، އެކަށައެޅޭ ސަރަހައްދުތަކުގައި ކަނދުފަތި އެޅުން
  20. އައިސްޕްލާންޓް ތަކުގައި އައިސް ހުރި ވަރު ބަލާލެވޭނެ އޮންލައިން ޕޯޓަލްއެއް ތައާރަފް ކުރުން
  21. ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގް ފެންވަރުގެ ސަނަދެއް ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން
  22. މަހުން އުފައްދާ ތައްޔާރީ ކާނާ ބަންދު ކުރުމުގެ މައުލޫމާތު އާއްމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގުމާއި، އެފަދަ ވިޔަފާރިތައް އަލަށް ފަށަން ޝައުގުވެރިިވާ ފަރާތްތަކަށް ކުޑަ އިންޓްރަސްޓެއްގައި ލޯނު ލިބޭނެ އިންތިޒާމެއް ތައާރަފް ކުރުން
  23. ބޭރު ދުނިޔޭގެ މާކެޓްތަކުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކޮށް، ވިޔަފާރި ފަހި ކޮށްދޭނެ މާކެޓިންގް އޭޖެންސީއެއް ގާއިމު ކުރުން
  24. ފަރުމަސް އާލާ ކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީނުކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ގާއިމު ކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެ ދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން
  25. ޕްރައިވެޓް ސެކްޓަރ އިންވެސްޓްމެންޓްތަކަށް އިންސެންޓިވްއެއް ދިނުމަށް، ފާހަގަ ކުރެވޭ ވަކި ސަރަހައްދުތަކެއްގައި އެން އާލާ ކުރުމަށް ހެޗަރީތަކެއް ގާއިމު ކުރުން
  26. ދިގު މުއްދަތަކަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރީން ދެނެގަނެ، އެ ފަރާތްތަކަށް ހިތްވަރު ދިނުމާއިއެކު އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމަށް ރަޖިސްޓްރީއެއް އެކުލަވާލުން
  27. ފަރުމަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރެވޭނެ ގޮތްތައް ދިރާސާ ކުރުން
  28. އައްޑޫ ސިޓީ ހުޅުދޫގައި ހުރި ޕްލާންޓް ޒަމާނީ ކޭނިންގް ފެކްޓްރީއަކަށް ބަދަލުކޮށް، 500 ވަޒީފާ އުފައްދަން މަސައްކަތް ކުރުން

ސަރުކާރަށް އިތުބާރުކޮށް، މަސްވެރިން ތިބީ މި ފަސް އަހަރު މި 28 ވައުދު ފުއްދާތަން ބަލަން ކެތް މަދުވެފައެވެ. މަސްވެރިކަނަށް އާރޯކަމާއި ކުރިއެރުން ގެނެސްދޭތަން ދެކިލާހިތުންނެވެ. މި ސިނާއަތް ކޮޅަށް ޖަހަށް ރައީސް ޑރ. މުއިއްޒުއާ ހަވާލު ކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Leave a Reply

Your email address will not be published.