މަސްވެރިކަމާއި ގުޅޭ

ދޮންތިކިފާނަ - ފޮޓޯ: އޯޒްއެނިމަލްސް

ދޮންތިކިހަނދި

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ހަނދީގެ ބާވަތެކެވެ.

މިބާވަތުގެ ހަނދި އާއްމުކޮށް ގިނައިން ފެނިފައި ނެތްކަމުގައިވިޔަސް މަދުމަދުން ރާއްޖޭގެ މަސްވެރިން ބާނާއުޅެއެވެ. މިބާވަތުގެ ހަނދި ފެނިފައި ހުންނަނީ އައިން ހަދައިގެން ފަރުފަޅުގެ ބޭރުމަތީގައި ބާރަށް ދަތުރުކޮށްކޮށް ތިއްބައެވެ. މިއީ ގާތްގަނޑަކަށް 1 މީޓަރަށް ބޮޑުވާ، ކެއުމަށް މީރު ހަންޖެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫފެހިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހިކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ދޮންކުލައިގެ ތިކިތަކެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއިއެކު 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިންހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 21 އާއި 26 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މިމަހަށްކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއިއެކު މަހުގެ ސިފައަށާއި ސައިންޓިފިކްނަމާއި އިގިރޭސިނަމަށް ވިސްނާ "ދޮންތިކިހަނދި" ކިޔާފައިވަނީއެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި މަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Yellow-spotted trevally
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!