މަސްވެރިކަމާއި ގުޅޭ

ވެނުބަނޑޭރި- ފޮޓޯ: ވިކީމީޑިއާ

ވެނުބަނޑޭރި

ވެނުބަނޑޭރިއަކީ ރާއްޖޭގެ ތިލަފަޅުން ވަރަށް ގިނައިން ފެންނަ މަހެކެވެ.

މިމަސް އާންމުކޮށް އުޅެނީ މޫދުވިނަ ފަޅާފައިހުންނަ ހިސާބުތަކުގައްޔާއި، މާޑުތަކުގެ މަތީގައި އަދި ފަޅުމަތީގެ މުރަކަ ގާތަކުގެ ކައިރީގައެވެ. ކުޑަކުދިން މޫދަށްއެރި މަސްހިފަން އުޅޭ އުޅުމުގައި ފަސޭހައިން ހިފޭމަހަކަށްވާތީ މިމަސް ހިފާއެޅެއެވެ. އަދި ދިރޭމަސް ރާއްޖެއިން ބޭރުކުރާ މީހުން ވެނުބަނޑޭރި ހިފާ ބޭރުކުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

ވެނެބަނޑޭރިއަކީ ހިމަދިގުކޮށް ހުންނަ ހަރު ތޮށިގަނޑެއްކަހަލަ ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ތުން ދިގުދޯރިއެއްހެން ދިގުވެފައި ހުރެއެވެ. މަހަކީ ހަރުކަށިވައްތަރެއްގެ މަހަކަށްވުމާއެކު، ބޮޑަށް ލަނބާލުމުން ވަރަށް ފަސޭހައިން މިމަސް ބިންދައިގެނެ ދެއެވެ. މަހުގެ ކަންފަތްގަނޑު ވަރަށް ކުރެވެ. އަދި ކަންފަތްގަނޑުގައި 32 އާއި 37 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ނިގޫފަތް ހުންނަނީ ވަށްކޮށެވެ. މަހުގެ ހުރަހަށް ތަފާތު ގޮތްގޮތަށް ކުރަހާލެވިފައި ހުންނަ ގަދަ ރޮނގުތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. އަދި މަހުގެ ދިގަށްވާގޮތަށްވެސް ހިމަ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ.

މިމަހުގެ ޚާއްސަ ސިފައަކީ ވަރަށް ފަސޭހަކަމާއެކު އާންމުކޮށްއުޅޭ މާހައުލާއި އެއްގޮތްވާގޮތަށް މަހުގެ ހަށިގަނޑުގެ ކުލަ ބަދަލުކޮށްލާކަމެވެ. މިއީ މާބާރަށް މޫދުތެރޭގައި ދުވެއުޅޭ މަހެއްނޫނެވެ.

އިނގިރޭސި ނަން: Redtailed pipefish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!