މަސްވެރިކަމާއި ގުޅޭ

ޖަންބުގިއުޅު - ފޮޓޯ: ޕިންޓްރެސްޓް

ޖަންބު ގިއުޅު

މިއީ ރާއްޖޭގެ ފަޅުތަކުން ޢާއްމުކޮށް ނުފެންނަ ވަރަށް ތަދުމަހެކެވެ.

މިވައްތަރުގެ މަހުން ފުރަތަމަ ރާއްޖޭގައި ރެކޯޑްކުރެވުނު މަހަކީވެސް މިއީއެވެ. މިމަހަށް "ޖަންބުގިއުޅު" ކިޔާފައިވަނީ މަހަށްކިޔާ އިގިރޭސިނަމާ ގުޅޭގޮތުން މަހުގައި ހުންނަ ދޮންޖަންބުގެ ކުލަވަރާއި އަޅާ ބަލާފައެވެ. މިއީ ކެއުމަށް އެންމެރަގަޅު މަހެކެވެ.

މިމަސް ޢާއްމުގޮތެއްގައި އުޅެނީ 90 މީޓަރާއި 360 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިމަހުގެ ކާނާއަކީ ކުދިމަހާއި، ޑިނގާއާއި ކަކުންޏެވެ. މިމަސް ގިނައިން ބާނާއުޅޭކަމަށްވަނީ ނަނު ފައްތައިގެންނާއި ފުނުގައި ލޭނު އަޅައިގެންނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުދިގެވެ. އަދި ބުރަކަށިމަތީގެ މަގުކަށިތަކުގެ އެންމެ ފަހަތުކަށްޓާ ބަނޑުދަށްފަރާތުގެ މަޑުކަށިބައިގެ ފަހަތުކަށި ނަރުވައެއްހެން މަހުގެ ފަހަތަށް ދިގުވެފައިހުރެއެވެ.

މަހުގެ ކުލައަކީ ފަނޑުރަތްކުލައަކަށްދާ ވައިލެޓްކުލައެކެވެ. ތުންކޮޅުގައި ރީނދޫ ކުލައެއްގެ ކުރެހުންތަކަކާއި ނޫކުލައިގެ ލައްތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 80 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Crimson jobfish

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!