މަސްވެރިކަމާއި ގުޅޭ

ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާއެއް ކުރަނީ. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ
ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާއެއް ކުރަނީ. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާއި ބެހޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ކަނޑާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާއި ބެހޭ ޤަވާއިދަށް މިއަދުން އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ ދަށުން ހަދާފައިވާ ޤަވާއިދެކެވެ.

މި ޤަވާއިދު އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކުރާ ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި، މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ދިރާސާތައް ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" (ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ ތަރަހައިގެ ތެރޭގައި ދިރާސާކުރުމަށް މަގުފަހި ކޮށްދިނުމުގެ މަޤްސަދުގައެވެ.

މި ޤަވާއިދުގައިވާ ގޮތުން އިސްތިނާވާ ފަސް ޙާލަތެއްވެއެވެ. އޭގެތެރޭގައި ކަނޑުގެ ވެށްޓާއި މަސްވެރިކަމުގެ ދިރުންތަކާއި ގުޅޭގޮތުން މިނިސްޓްރީން ކުރާ އެންމެހައި ދިރާސާތަކާއި، އެކިއެކި ފަރާތްތަކުން މިނިސްޓްރީއާއި ގުޅިގެން ހިންގާ ދިރާސާތަކާއި، ކަނޑުގެ ވެށްޓާއި، މަސްވެރިކަމުގެ ދިރުމަކާ ގުޅޭ އަމަލީ ދިރާސާއެއް ކުރުމެއްނެތި ނުވަތަ ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކާއި ސީދާ މުޢާމަލާތް ކުރުމެއްނެތި ކުރިޔަށްގެންދާ ދިރާސާތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، މިޤަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރާސާއެއް ކުރުމުގެ ކުރިން، މިޤަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިޤަވާއިދުގެ ދަށުން ދޫކުރާ ދިރާސާކުރުމަށް ހުއްދަ ދޫކުރާނީ، އިދާރީ ފީގެ ގޮތުގައި 1،500 ރުފިޔާ ނެގުމަށްފަހުއެވެ. މީގެއިތުރުން މިޤަވާއިދުގެ ދަށުން ދިރާސާ ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ، އެންމެ ދިގުވެގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާއެއް ކުރަނީ. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

މިޤަވާއިދުގެ ދަށުން ބިދޭސީ އަމިއްލަ ފަރުދަކަށް ދިރާސާކުރުމުގެ ހުއްދަ ދެވޭނީ، އެފަރާތަކާއެކު ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ނުވަތަ ރިސާރޗް ލެބަކުން ނުވަތަ އެނޫންވެސް އެފަދަ އެހެން ތަޢުލީމީ މަރުކަޒަކުން ނުވަތަ އެފަދަ މަސައްކަތެއްގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ނުވަތަ ޖަމާއަތަކުން އެ ދިރާސާއެއް ކުރުމަށް ހުއްދައެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެންޑޯސްމަންޓެއް އޮވެގެންނެވެ.

އަދި ދިރާސާކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން ތަކެތި ނެގުމަކީ މަނާ ކަމެއް ކަމަށާއި، ހުއްދައިގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުމަކީވެސް މަނާކަމެއް ކަމަށް މިޤަވާއިދުގައި ބުނެފައިވެއެވެ.

ދިރާސާކުރުމުގެ މަރުޙަލާގައި ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ހުއްދައިގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތަކާއި ޚިލާފްވުމާއި، މިޤަވާއިދުގެ ދަށުން ދޫކުރި ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއް ނެގުން ހިމެނެއެވެ.

މިޤަވާއިދުގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކަނޑައަޅާފައިވާ ގޮތްނޫން އެހެން ގޮތަކަށް ކޮށްފިނަމަ، އެކަމެއް ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ކުށެއް ކޮށްފިނަމަ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާ ޚިލާފް ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި، ޖޫރިމަނާ ކުރުމާ ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ޤަވާއިދާ ޚިލާފް ހަރަކާތްތަކާއި ފިޔަވަޅުތައް ހިންގައިފިނަމަ ކަނޑައަޅާފައިވާ ޖޫރިމަނާތަކުގެ ތެރޭގައި ސައްޙަ ހުއްދައެއްނެތި ދިރާސާކޮށް ތަޙްލީލްކޮށްފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި އެކަން ތަކުރާރުވެއްޖެނަމަ، 5،000 ރުފިޔާއިން ޖޫރިމަނާކުރުމާއިއެކު 3 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދޫނުކުރަން ވަނީ ނިންމާފައެވެ.

މީގެއިތުރުން ދިރާސާކުރުމަށް ދޭ ހުއްދައިގެ ޝަރުތަކާ ޚިލާފްވެއްޖެނަމަ، 2،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި އެކުށް ތަކުރާރު ވެއްޖެނަމަ، 2،000 ރުފިޔާއިން ޖޫރިމަނާކުރުމާއިއެކު 3 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދޫނުކުރާ ގޮތަށްވެސް މިޤަވާއިދުގައި ނިންމާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!