މަސްވެރިކަމާއި ގުޅޭ

މުށިމަސް - ފޮޓޯ: ފިޝްއައިޑިއަރ

މުށިމަސް

މުށިމަހަކީ ރާއްޖޭގެ މަސްވެރިކަމުގެ މާޙައުލުގައި ވަރަށް މުހިއްމު ބައެއްކުޅޭމަހެކެވެ.

މިއީ ރާއްޖެއާއި ޢަދި މިސަރަޙައްދުގެ ކަރަތަކުގައި ވަރަށް ގިނަ ޢަދަދަކަށް އުޅޭ ބާވަތެކެވެ. ކަނޑުމަހުގެ މަސްވެރިކަން ދެރަދުވަސްވަރު ފަޅުފަޅަށް މުށިމަސްވަދެ ތިބޭނަމަ ގިނައަދަދެއްގެ ބަޔަކު މިމަހުގެ މަސްވެރިކަން ކޮށްއުޅެއެވެ. އަދި މިނޫނަސް ރާއްޖޭގެ "ޒުވާން މަސްވެރިން" (ޢާއްމުކޮށް އޮޑިދޯނިފަހަރުގައި މަހަށްނުދާ ޢުމުރުގެ ކުޑަކުދިން) މުށިމަސްބާނަން ދިއުމަކީ އުފަލަކަށްވެފައި އޮންނަ ކަމެކެވެ. މިއީ މީރުމަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ. މުށިމުހަކީ ފަތިކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ކަންފަތްގަޑު ބޮލަށްވުރެ ކުރެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 24 އާއި 27 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 21 އާއި 23 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މަހުގެ މަތީބައިގެ ކުލައަކީ ރިހިވިދުންކުލައަރާ ނޫކުލައެކެވެ. އަދި ބަނޑުދަށްފަރާތާއި އަރިމަތީގެ ކުލައަކީ ރިހި ހުދުކުލައެކެވެ. މަހުގެ ތުންކޮޅު ހުންނަނީ އަޅި ކުލައެއްގައެވެ. އަދި މަހުގެ ކަރުތާފަތްގަޑުގެ މަތީބައިގެ ކޮޅުގައި ކަޅުލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މިމަހުގެ ޢާއްމު ކާނާއަކީ ފަނިފަކުސާއާއި، ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Bigeye scad

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!