މަސްވެރިކަމާއި ގުޅޭ

ކޯބިޔަ - ފޮޓޯ: ސީބީމީޓް

ކޯބިޔަ

"ކޯބިޔަ" މިނަން މިމަހަށް ދެވިފައިވަނީ އިގިރޭސިބަހުން ކިޔާ "ކޯބިއާ” މިނަމާ ގުޅޭގޮތުން މަހުގެ އަނގަބޮޑުވެފައި ކޯބޮޑުކަމަށް ފާހަގަކުރެވިފައިވާތީއެވެ.

މިއީ ރާއްޖޭގެ މަސްވެރިންނަށް ޢާއްމުކޮށް ފެނިފައިނެތް މަހެއްކަމުން ދިވެހިންގެތެރޭގައި މިމަހަށްކިޔޭ ވަކިނަމެއްވެސްނެތެވެ. މިއީ މިޢާއިލާގެ އުޅޭ ހަމައެކަނި ބާވަތެވެ. މިއީ ފަތިކޮށް އަނގަ ވަރަށް ފުޅާކޮށް، ދިގުކޮށް ހުންނަމަހެކެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ކުރުކޮށް 7 އާއި 9 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށިތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ހަނދުފަޅިބުރަށް ކަފިކޮންނެވެ. ނަމަވެސް ޅަމަހުގައި ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮންނެވެ. މިއި މާކަނޑުތަކުގެ މަތީބައިގައި އުޅޭމަހެކެވެ. ނަމަވެސް މިބާވަތުގެ މަސް ކުދިކުދި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައި އުޅެއެވެ. ކޯބިޔާއަކީ އައްޓަމަހުގެ ޢާއިލާއާއި ކޮންމެވެސް ވަރަކަށް ގުޅުން ހުރި މަހެކެވެ.

މިމަހުގެ ޢާއްމު ސިފަތައް އައްޓަމަހާއި ވަރަށް އެއްގޮތެވެ. ނަމަވެސް އައްޓަމަހުގެ ބޮލުގެ މަތީގައި ހުންނަ "ތަތްކުރާތަށި" މިމަހަކު ނުހުރެއެވެ. މަހުގެ ބުރަކަށިމައްޗާއި އަރިމަތީގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެއަރިމަތީގައި އަޅިކޮށް ހުންނަ ފުޅާ ދެރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. ބަނޑުދަށް ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ބޯވަދިލަމަހާއި މަސްމަހާމެއްސެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Cobia

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!