މަސްވެރިކަމާއި ގުޅޭ

ފޫޓުމަސް - ފޮޓޯ: ސިޓީ ފާމާސް ނާސަރީ

ފޫޓުމަސް (ތެލާޕިޔާ)

ފޫޓުމަސް ފުރަތަމަ ރާއްޖެއަށް ތަޢާރަފްވީ 1964 ވަނައަހަރު ރާއްޖެއަށް މަސްވެރިކަން ކުރަންއައި ޖަޕާނުގެ ތަޙްލީލުކުރާ އުޅަނދެއްކަމުގައިވާ "ފުޖިމާރު" އިންނެވެ.

މިއީ ދިރޭއެމެއްގެ ގޮތުގައި ސިލޯނުން ގެނެވިގެން ރާއްޖޭގައި ބޭނުންކުރެވުނު އެންމަހެކެވެ. މިބާވަތުގެމަސް ވަރަށް ގިނަ ޢަދަދަކަށް ރާއްޖޭގެ ބައެއް ރަށްތަކުގެ ކުޅިކުޅިއަށް އެބައިމީހުން ދޫކުރިއެވެ. މިހާރު ރާއްޖޭގެ ކުޅިކުޅީގައި މިމަސް ގިނައިން އުޅެއެވެ. ފޫޓުމަސް ގިނައިން އުޅެނީ ކުޅިކުޅީގައެވެ. މިއީ ފެނުގައްޔާއި ލޮނުގައި އުޅެވޭ ކެއުމަށް ރަގަޅު މަހެކެވެ. މިމަހަށް ތެލާޕިޔާއޭވެސް ކިޔާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 36 ސެންޓިމީޓަރަށެވެ. މަހުގެ ކާނާގެގޮތުގައި ގަސްގަހުގެ ބައިތަކާއި ސުފާސޫފީގެ ބާވަތްތަކާއި ކުދިމަސް ހިމެނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށްޓާއެކު 10 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 އާއި 10 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ހަށިގަޑުގައި ހުންނަ ހުޅުނބުތައް ބޮޑެއްޗެވެ. މަހުގެ ކަންފަތްގަޑު ބޮލުގެ ދިގުމިންހާދިގެވެ. މަހުގެ ކަންފަތްގަޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިބައި ކަންފަތްގަޑަށްވުރެ ކުރެވެ. މަހުގެ ކުލައަކީ ފެހިކުލައަކަށްދާ މުށިކުލައެކެވެ. މަހުގެ ހުރަހަށް ފަސްވަރަކަށް ގަޅި ފަނޑުކޮށް ފެންނަން ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Mozambique cichlid, Tilapia

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!