މަސްވެރިކަމާއި ގުޅޭ

ދޮންހިކާ - ފޮޓޯ: މެއިންޕޭޖް ރީފްލެކްސް

ދޮންހިކާ

ދޮންހިކާއަކީ ރާއްޖޭގެ ތިލަފަޅުތަކުގައި ވަރަށް ގިނައިން އުޅޭމަހެކެވެ.

މިމަސް ޢާއްމުކޮށް އުޅެނީ މޫދުވިނަ ހެދިފައިހުންނަ ތިލަހިސާބުތަކުގައްޔާއި ތިލަފަޅުތަކުގެ ތެރޭގައި ހެދިފައިހުންނަ ކުދި ފުންކޮޅުތަކުގައެވެ. މިގޮތަށް އުޅޭއިރު ކުދިއައިން ހަދައިގެން އުޅެއެވެ. ހިކައަކީ ދިވެހިން ޢާއްމުކޮށް ކެއުމަށް ބޭނުންކޮށްއުޅޭ ބާވަތެއް ނޫންކަމުން މިބާވަތުގެ މަހަކަށް ޢާއްމު މަސްވެރިކަމެއް ނުއޮވެއެވެ. ހިކާގެ ގިނަ ބާވަތްތަކެކޭ އެއްފަދައިން މިއީ ވެލިގަޑުގައި ފަސޭހަކަމާއެކު ވަޅުޖަހާ އެސޮރުމެންގެ ދުޝްމަނުންގެ ކިބައިން ސަލާމަތްކަން ހޯދާމަހެކެވެ. ރޭގަޑުގެ ވަގުތުތަކުގައި ނިދަނީ ވަޅުޖަހާ އޮވެގެންނެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު ކުރެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރީބައިގައި ހުންނަ ކޮތަރިބައިގެ ފުރަތަމަ މަޑުކަށި އެހެނިހެން މަޑުކަށިތަކަށްވުރެ ދިގުކޮށް ހުރެއެވެ. މަހުގެ ލޮލުގެ ތިރީބައި ހުންނަނީ ނޫކުލައިގައެވެ. ފިޔާތޮށި ކުލައެއްގެ ލައްތަކެއް މަހުގެ ބޮލުގައި ހުރެއެވެ. މަހުގެ މަތީކޮތަރިބަޔާއި، ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ރީނދޫކުލައެވެ. މިބާވަތުގެ ހިކާގެ ޢާއްމު ކާނާއަކީ މޫދުގެ އަޑީގައިއުޅޭ ކުދިކުދި ދިރުންތަކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Zigzag wrasse
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!