ލޮނުލުނބޯ ކިޔާ މަހަކީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި މަޝްހޫރުމަހެކެވެ.
އަދި މިއީ ދިރޭއެންހިފާއިރު އެމުގެ ބާވަތްތަކާއެކު މަދުމަދުން ހިފޭ ބޭނުންތެރި ބާވަތެއްކަމަށްވެއެވެ. މަހަށް މިނަން ދެވިފައިއެވަނީ މަހުގެ ކުލައަށް ބަލައިގެންކަމަށް ބެލެވިދާނެއެވެ. ލޮނުލުނބޯ ޢާއްމުކޮށް ގިނައިން ހިފިފައި ހުންނަނީ ނިލަމެހިކަހަލަ މުރަކައާއި ދޯޅު އެންހިފުމުގެތެރޭގައެވެ. މިއީ އެންއޮޑީގައި އަވަހަށް މަރުވާ ބާވަތެކެވެ. ދިރިތިބިނަމަ ކަނޑަށް ނުކުމެ އެންއުކާއިރު އުކާ ބާވަތެއްވެސްމެއެވެ.
މިއީ 2 މީޓަރާއި 15 މީޓަރާ ދެމެދުގެ ފުންމިން ހުންނަ ސަރަޙައްދުތަކުގައި ބައިހަދައިގެން އުޅޭ މަހެކެވެ. މިބާވަތުގެ މަސް އޮއިމައްޗަށް ބައިހަދާފައި ނުކުމެ ފަނިފަކުސަ ކައިހަދައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ނުވަތަ 13 ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 8 ސެންޓިމީޓަރަށެވެ.
މަހުގެ ކުލައަކީ މުށިކުލައަކަށްދާ ރީނދޫކުލައެކެވެ. މަހުގެ އަރިމަތީގައްޔާއި ބަނޑުދޮށްފަރާތުގައި ހުންނަ ކުލައަކީ މަޑުރީނދޫކުލައެކެވެ. މަހުގެ ނިގޫފަތުގެ މެދުގެ ކުލައަކީ
މަޑުރީނދޫކުލައެކެވެ. އަދި ނިގޫފަތުގެ މަތީކައިރިއާއި ތިރީކައިރީގެ ކުލައަކީ ގަދަމުށިކުލައެކެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003