މަސްވެރިކަމާއި ގުޅޭ

ކަޅުފާނަ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކަޅުފާނަ

ކަޅުފާނައަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރު ފުންކަނޑުތަކުގައި އުޅޭ މަހެކެވެ.

ދިވެހި މަސްވެރިން ކޮށްއުޅޭ ކެޔޮޅުކަމުގައި ބޭނިފައި ހުއްޓާ ވަރަށް ނުފެންނަ ފާނައެކެވެ. ސަބަބަކީ މިބާވަތުގެ މަސްއުޅެނީ ވަރަށް ފުނުގައިކަމުގައި ވާތީއެވެ. މިމަސް ރާއްޖޭގައި އުޅޭކަމަށް ފުރަތަމައަށް ރެކޯޑްކުރެވުނީ 25 އޮކްޓޯބަރ 1988 ވަނަ ދުވަހު މާލެއަތޮޅުގެ ހުޅަނގުން އަތޮޅުން ބޭރުގައި 140 މީޓަރާއި 170 މީޓަރާ ދެމެދުގެ ފުންމިނުގައި ލޭނުއަޅައިގެން ކުރެވުނު ދިރާސާ ކެޔޮޅުކަމުގައެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ. މިމަސް ޢާއްމުކޮށް އުޅޭކަމަށްވަނީ 150 މީޓަރާއި 350 މީޓަރާ ދެމެދުގެ ފުންމިނުގައެވެ.

މަހުގެ ކަރުތާފަތުގެ ކުރީބައިގެ މަތީކައިރިފަށް ހުންނަނީ ކަށިކޮށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ބުރަކަށިމަތީ ކުލައަކީ ކަޅުކުލައެވެ. މަހުގައި މުށިކުލައިގެ ފުޅާ 8 ރޮނގު ހުރަހަށް ހުރެއެވެ. މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ކުލައަށްބަލާ މިމަހަށް "ކަޅުފާނަ" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 80 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Eightbar grouper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!