މަސްވެރިކަމާއި ގުޅޭ

ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި
ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި

1000 ޓަނު މަހާއެކު މަސް ދޯނިފަހަރުން ޅ. އަތޮޅުގައި މަސްކިރޭތޯ އާދޭސް ކުރަނީ!

މަސްކިރުވުމަށް ފެލިވަރުން ނަމްބަރު ނަގާފައިވާ ދޯނިފަހަރުގައި 1000 ޓަނަށްވުރެ ބަރުކޮށް މަސް ހުރިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން މަސްވެރިން ބުނީ މަސްކިރޭތޯ ފެލިވަރުން ނަމްބަރު ނަގައިގެން ކިޔުގައި ތިބޭތާ ހަފްތާއެއް ވެއްޖެކަމަށެވެ.

"މިދޯނީގައި 22 ޓަނުގެ މަސްއެބަހުރި. މިދިޔަ ހަފްތާގައި ފެލިވަރުން ނަމްބަރު ނަގައިގެން ނައިފަރު ފަޅުގައި މި ތިބެނީ. މަސް ކިރޭނެކަމަށް ބުނެފައިވަނީ ނަމްބަރު ނެގި ދުވަހުން ފެށިގެން 10 ދުވަސް ފަހުން. ކޮންމެ ދުވަހަކު ފެލިވަރަށް ގޮސް އައިސް ގަނެގެން އައިސް އަޅަމުން މި ގެންދަނީ. މިހާ ގިނަދުވަސްވީމަ މަސްތަކުގެ ކޮލިޓީއެއް ނުހުންނާނެތާ. މަސްތައް މައްޗައް އަޅާލާވަރަށް ކުޑަކުޑަ އައިސްކޮޅެއް މި ވިއްކަނީ. ކޮންމެ ދުވަހަކު އައިސް އަޅަން ވީމަ އައިހަށްދާ ޚަރަދުވެސް އެހާ ބޮޑު. މަސްވެރިން ވަރަށް ހާލުގަ މިއުޅެނީ." ނައިފަރު ފަޅުގައި އޮތް އިހަވަންދޫ މާހޯރަ 3 ގެ ކެޔޮޅު ބުންޏެވެ.

ނައިފަރު ބަނދަރު/ މަސްދޯނިތަކުން ފުރިފައި

އުތުރުގައި މަސްވެރިކަން ރަނގަޅު ފެލިވަރަށް މަސް ކިރުމުގައި ދަތިތަކެއް ދިމާވެގެން އުޅޭތާ 2 މަސް ވާން ގާތް ވަނީ އެވެ. އުތުރުގެ މަސްވެރިންގެ އިތުރުން ދެކުނުގެ ބައެއް މަސްދޯނިފަހަރުން ވެސް އުތުރުގައި ހަރަކާތްތެރި ވެއެވެ.

"އަޅުގަނޑުމެންވެސް މި ތިބީ ފެލިވަރަށް މަސްކިރަން ނަމްބަރު ނަގައިގެން ކިޔުޖައްސައިގެން. 20 ޓަނު މަސް އެބައުޅޭ. މިހާރު 5 ވަރަކަށް ދުވަސް ވެއްޖެ މިހެން ތިބޭތާ. މަސްކިރަން ކޫއްޑުއަށް ދާން ބަލާއިރު އެއީ ވަރަށް ދުރު. އޮޑީގައި ހުރިމަހަކީ މާ ފަލަ މަހެއް ނޫންވީމަ މި ގަދައިގައި ކޫއްޑުއަށް ދާއިރު ގިނަ މަސް ހުންނާނީ ހަލާކުވެފަ. އަނެއްކާ މަސްވެރިކަމާ އެންވެރިކަން ވެސް މިހިރީ މިހިސާބުގަ." ފެލިވަރަށް މަސްކިރަން ނަމްބަރު ނައިގެން ނައިފަރު ބަނދަރުގައި އޮތް ފަރެސްމާތޮޑާ ސަފީނާ ދޯނިން ބުންޏެވެ.

ނައިފަރު މަލާހާ ދޯނިން ބުނީ ގިނަ ދޯނިފަހަރުގައި 20 ޓަނާ ގާތްކުރާ އަދަދަކަށް މަސް އެބަހުރިކަމަށެވެ. މަސް ނުކުރި ގިނަ ދުވަސް ވުމުގެ ސަބަބުން ކިތަންމެ ވަރަކަށް އައިސް އެޅި ނަމަވެސް މަސް ހަލާކުވުމުގެ ފުރުޞަތު ބޮޑު ކަމަށް މަލާހާ ދޯނިން ބުންޏެވެ.

"ފެލިވަރަށް ނުކިރާ ހުންނަ މަސް މިޖެހީ ހިކިމަސް ހަދާ މީހުންނަށް 3 ރުފިޔާ ނޫނީ 5 ރުފިޔާއަށް ކިރާލަން. މިއީ ހަމަ އުކާލުން ކަހަލަ ކަމެއް. ކީކިމިންޔޭ ކިޔާ ރަށެއްވެސް އެބައޮތް މަސްގަންނަން ދޫކޮށްފަ. އެރަށަށް މަސް ގަންނަނީކީ ނޫން. މަސް ގަންނަމޭ ކިޔާފަ ދޮގު ގަދައިގެން އުޅޭ ބައެެއް އެއީ. ބޭރު ބޯޓެއް ގެނެސްގެން ނަމަވެސް މި މަސްކޮޅު ކިރޭދީބަލަ" ނައިފަރު މަލާހާ ދޯނިން ބުންޏެވެ.

މިފްކޯއިން ބުނީ އިއްޔައާއި ހަމައަށް ފެލިވަރަށް މަސް ކިރުމަށް 66 ދޯންޏަށް ނަމްބަރު ދޫކޮށްފައިވާނެކަމަށާއި މި ދޯނިފަހަރުގައި 960 ޓަނު މަސް އެބަހުރި ކަމަށެވެ. މިފްކޯއިން ބުނީ ފެލިވަރަށް މަސް ކިރުމުގައި ދަތިތައް ދިމާވަނީ އެރަށުގައި މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. މިހާރު މަސް ގަންނަމުންދަނީ ފެލިވަރު ބަނދަރުގައި މިފްކޯގެ ބޯޓުފަހަރު ބާއްވައިގެންކަމަށާއި، މި ބޯޓުތައް މަސް ބަރުކޮށްގެން މަސް ހުސްކުރަން ދަނީ ކޫއްޑުއަށްކަމަށް މިފްކޯއިން ބުނެއެވެ. މީގެސަބަބުން މަސް ކިރުމުގައި ބޮޑެތި ގޮންޖެހުން ތަކެއް ދިމާވާކަމަށް މިފްކޯއިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Fisherman's day greetings but don't forget that you Fisherman's too are doing your job likewise other's in other sectors..that's what I want to remind all fisherman.dont just motivate politically.

Comments are closed.