މަސްވެރިކަމާއި ގުޅޭ

ރަންފާނަ

ރަންފާނައަކީ ރާއްޖޭގެ މަސްވެރިން ފައްތައިގެން ރޭގަޑުކުރާ ކެޔޮޅުކަމުގައި ވަރަށް މަދުން ބޭނޭމަހެކެވެ.

މިއީ އެހެނިހެން ގިނަ ފާނަތަކާ ޚިލާފަށް މާއަޑީގައި އުޅޭ މަހެއްކަމުން ފީނުންތެރިންނަން މިމަސް ފެނިފައި ވަރަށް ނުހުރެއެވެ. މިމަސް ގިނައިން އުޅެނީ 100 މީޓަރަށްވުރެ ފުނުގައެވެ. މިމަހަށް "ރަންފާނަ” ކިޔާފައިވަނީ މަހުގެ ކުލަވަރާއި، މަހަށްކިޔާ އިގިރޭސިނަމާއި ސައިންޓިފިކްނަމާ ގުޅޭގޮތުންނެވެ. މަހުގެ ކަރުތާފަތްގަޑުގެ ކުރީބަޔާއި ފަހަތުބަޔާ ދެމެދުގައި ކުދި ކަށިތަކެއްވެއެވެ. މިއީ ގާތްގަޑަކަށް 60 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. ރަންފާނައިގެ ކުލައަކީ ރަންކުލައެވެ. މަހުގެ ބޮލާއި ހަށިގަޑުގައި ނާރިނގު ކުލައަކަށްދާ ރީނދޫކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅުގައި ނޫކުލައިގެ ހިމަ ކައިރިފަށެއް ހުރެއެވެ. އަދި މިކައިރިފަށާއި ގުޅިގެން ކަޅުކުލައިގެ ރޮނގެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Golden hind

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!