މަސްވެރިކަމާއި ގުޅޭ

ހަމްސީ މަސް
ހަމްސީ މަސް

ތުރުކީގައި "ހަމްސީ"ގެ މަސްވެރިކަން ވަގުތީގޮތުން މަނާކޮށްފި

ތުރުކީގައި ކެއުމަށް އެންމެން ގިނައިން ބޭނުންކުރާ މަހުގެ ބާވަތްކަމަށްވާ ހަމްސީ ހިފުން ވަގުތީގޮތުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

އެންޗޮވީ އާއިލާގެ މަހުގެ ބާވަތެއް ކަމަށްވާ ހަމްސީ ހިފުން ތުރުކީ ސަރުކާރުން މަނާކޮށްފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. މި މަސް ހިފުން މަނާ ކުރަން ޖެހުނީ މިހާރު އެޤައުމުގެ މަސްވެރިން މިދުވަސްކޮޅު ހިފާ މަސްތައް ސައިޒުން ކުދިވުމުންނެވެ.

ތުރުކީގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓަރީއިން ހާމަކުރާގޮތުގައި ބްލެކް ސީ ސަރަޙައްދުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިމަސް ހިފުން މަނާ ވާނެ ކަމަށެވެ.

އަދި މި މުއްދަތަށް ފަހުވެސް މަހުގެ ސައިޒަށް އަންނަ ބަދަލުތަކަށް ބަލާ މިފަދަ އިތުރު ވަގުތީ މުއްދަތުތަކެއް އިޢުލާންކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ސެޕްޓެމްބަރު އެއްވަނަ ދުވަހު ތުރުކީގައި މަސްވެރިކަމުގެ ސީޒަންވަނީ ފެށިފައެވެ. ތުރުކީގެ ހާހަކަށްވުރެ ގިނަ މަސްވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ހަމްސީ މަހުގެ މަސްވެރިކަމެވެ.

ސައިންސްވެރިން ކުރިއަށް ގެންގޮސްފައިވާ ތަޙްލީލްތަކުން ދައްކާގޮތުން މިފަހުން މަސްވެރިން ހިފަމުންދާ ހަމްސީ މަސްތައް އާއްމުކޮށް އެ ބާވަތުގެ މަސްތައް ހުންނަ ސައިޒް ކަމުގައިވާ 9 ސެންޓިމީޓަރަށް ވުރެ ކުޑައެވެ. މީގެ މައިގަނޑު ސަބަބަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައްކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ތުރުކީގެ  މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓަރީއިން ހާމަކުރާގޮތުގައި މިދުވަސްކޮޅު ބްލެކް ސީގެ ބޭރުން ހިފާ މީގެ މަސްތައް ބާޒާރުގައި ލިބެންހުންނާނެ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތުރުކީއިން 2199 ޓަނުގެ ހަމްސީ މަސް 28 ޤައުމަކަށް އެކްސްޕޯޓުކޮށްފައެވެ. އަދި މި މަސް އެކްސްޕޯޓުކޮށްގެން ތުރުކީއަށްވަނީ 9.7 މިލިއަން ޑޮލަރު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!